މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ސަރުކާރުން ނުފޫޒު ފޯރުވި ނަމަވެސް އިދިކޮޅުން އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި އިދިކޮޅުގެ ކައުންސިލް އިންތިޚާބު ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ ކެމްޕެއިން މެނޭޖަރު މުއާޒު މުހައްމަދު ރަޝީދު,  ވިދާޅުވީ މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށާއި، އިންތިޚާބާއި ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. މުއާޒު ވިދާޅުވީ ވޯޓަށް މިހާ ގާތްވެފައިވަނިކޮށް އާ ޕްރޮޖެކްޓްތަކެއް ސަރުކާރުން ރަށްރަށުގައި ހިންގަމުން އަންނަ ކަމަށާއި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ކަމަށެވެ.

މުއާޒު ވިދާޅުވީ ތަފާތު ނަންނަމުގައި ވަޒީފާތައް ވެސް ތައާރަފުކުރަމުން އަންނަ ކަމަށެވެ. އަދި އިންތިޚާބު ނިމުމުން ވަޒީފާ ހަމަޖެހޭނެ ކަމަށް ވެސް ބުނަމުން އަންނަ ކަމަށާއި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ކަންތައްތަކެއް ކަމަށް މުއާޒު ވިދާޅުވިއެވެ.



މުއާޒު ވަނީ މި އިންތިހާބުގައި މޮނިޓަރުންނާއި އޮފިޝަލުން ވޯޓު ފޮއްޓަށް ވަރަށް ބޮޑަށް ފާރަވެރިވާން އިލްތިމާސް ކުރައްވާފައެވެ.

"ވޯޓުލާން އަންނަނީ ކޮން ބައެއްތޯ ކަށަވަރުކުރަން އެބަޖެހޭ. މާސްކް އަޅާފައި މި އަންނަނީ ކާކުތޯ ކަށަވަރުކުރަން އެބަޖެހޭ. މި އަންނަނީ ހަމަ ހަގީގަތުގައި ވެސް މި ފޮއްޓަށް ވޯޓުލާން ނަން އޮތް މީހާތޯ." މުއާޒު ވިދާޅުވިއެވެ.

މުއާޒު ވަނީ ސަރުކާރުން އިންތިޚާބު އޮޅުވާލަން އެތައް މަސައްކަތްތަކެއް ކުރަމުންދާކަން ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން އިދިކޮޅު ކެމްޕެއިން ޓީމުގެ ޑެޕިއުޓީ މެނޭޖަރު އަހުމަދު ރަޝީދު ވިދާޅުވީ ރީރަޖިސްޓްރޭޝަންގެ ތެރެއިން ވެސް އޮޅުވާލުންތަކެއް އޮތްކަމަށާއި، މީހުން ރީރަޖިސްޓްރީ ކުރި ތަންތަން ނޫން ތަންތަނަށް އެމީހުންގެ ނަންތައް ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ރަޝީދު ވަނީ ވޯޓުލާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އިދިކޮޅު ސަޕޯޓަރުން ވޯޓުލާ ނިންމުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.



އަދި އިންތިޚާބާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ނުބަލައި އިންތިޚާބު ބޭއްވުމަކީ އިންސާފުވެރި ގޮތް ކަމަށް ނުދެކޭ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އިދިކޮޅުގެ ކެމްޕެއިން ނިންމުމަށް މިއަދު ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ހަރަކާތް ބާއްވަން ނިންމާފައި ވަނީ މިއަދު ހަވީރު 4:30 ގައި ޕީޕީއެމް އޮފީސް ކުރިމަތީގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން