ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޒަންގލިޒޮންގ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމާއި 2017 ވަނަ އަހަރު ހަވާލުވުމަށްފަހު، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ނިމުނުއިރު، ރާއްޖެއާއި ޗައިނާއިން ވަނީ ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކޮށް، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.

ޗައިނާ ސަފީރު ފުރައިވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާއާ، މަޖިލިސް ރައީސް، އަދި ކުރީގެ ރައީސުންގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވާފައެވެ.

ރާއްޖޭގެ އާންމު ގިނަ ރައްޔިތުންނާއި ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވައި އެކުވެރިކަން ބަދަހި ކުރައްވަމުން ގެންދެވި ޗައިނާ ސަފީރު ފުރާވަޑައިގަންނަވަމުން އެންމެ ފަހު ބަސްފުޅަކަށް ވެސް ވިދާޅުވެފައިވަނީ ރަހުމަތްތެރި ދިވެހި ރައްޔިތުންގެ މަތީން ވަރަށް ބޮޑަށް ހަނދުމަފުޅުވާނެ ކަމަށެވެ. އަދި ޗައިނާއާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ބަދަހިކޮށް ދެމިއޮންނާނެ ކަމަށް އުއްމީދު ކުރަށްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.



ޗައިނާ ސަފީރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައި ރައީސުލްޖޫމްހޫރިއްޔާއާއި، ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި، ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ޗައިނާ އިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަގޮތެއްގައި ކޮވިޑްގެ ޙާލަތާއި ގުޅިގެން ޗައިނާއިން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވެދެއްވި އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން "ސިނޮފާރމް" ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރައްވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގެ ދާއިރާއާއި، ޞިއްޙީދާއިރާ އަދި އެހެންދާއިރާތަކުގެ ތަރައްޤީއަށް ދެ ޤައުމުން ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ޗައިނާ ސަފީރުގެ ދައުރު ނިންމާލެއްވުމަށްފަހު ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލް ބޭފުޅެއްކަން ފާހަގަކޮށްލެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން