ކޮވިޑް-19އަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީނުގައި ތިބި މީހުން މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާން ދާން ހުއްދަދީ އުސޫލު އާންމުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ ކަރަންޓިީން ކޮށްފައިވާ ނުވަތަ އެކަހެރިކޮށްފަައިވާ މީހުން ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ވޯޓްލާން ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ކަރަންޓީނުގައި ތިބި މީހުން ވޯޓު ލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގަޑީއަކީ ހޮނިހިރު ދުވަހުގެ ހަވީރު 5:00 އިން 6:00 އަށެވެ. އަދި އެމީހުންނަށް ވޯޓުލެވޭނީ، އެހެން މީހުން ވޯޓުލާ ނިމުމުންނެވެ.

ކަރަންޓީނުގައި ތިބި މީހުން ވޯޓުލާންދާން ހުއްދަ ދިން ނަމަވެސް އެމީހުން ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް އެޗްޕީއޭގެ އެންގުމުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ވޯޓު ލާން ދިއުމަށް އެއްވެސް ޕަބްލިކް ޓްރާންސްޕޯޓެއް ބޭނުންނުކުރަން އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރަށް ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބުމާއި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމުގެ އިތުރަށް ވޯޓުލާން ދާއިރު އަދި ވޯޓުލައި ނިމިގެން އަންނައިރު މީހުންނާ ބައްދަލު ނުކޮށް ވޯޓަށް ފަހު، ކަރަންޓީނުވެފައި ހުރި ތަނަކަށް އަވަހަށް އަނބުރާ ދިޔުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓު ލާން ދިއުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވާއިރު، އެޗްޕީއޭއިން ވަނީ ވޯޓުލާން ރަށްރަށަށް ދެވޭނެ ހުއްދަ ވެސް ދިނުމަށް ނިއްމާފައެވެ. އެ ހުއްދަ ދެމި އޮންނަނީ ހޮނިހިރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށް ވަނީ ހަމަޖަައްސާފައެވެ. އަދި އެފަދަ މީހުން ވެސް ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް އެޗްޕީއޭއިން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން