މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ 25 އިންސައްތަ މީހުންގެ ވޯޓު އެއްވެސް ޕާޓީއަކަށް ލިބޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ ކައުންސިލް އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ، އިންތިޚާބުގެ ސިޔާސީ ނަތީޖާ އެގޭނީ ކައުންސިލް އިންތިޚާބުގައި ކާމިޔާބު ކުރެވޭ ގޮނޑީގެ އަދަދަކުން ނޫން ކަމަށެވެ. އެނަތީޖާ އެނގޭނީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުން ވޯޓްދޭ ނިސްބަތުން ކަމަށެވެ.

"ބަލަންވީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ކިތައް ޕަސެންޓް ވޯޓްލާން ދޭތޯއެވެ. 25 ޕަސެންޓް އަށްވުރެ މަތި ވެދާނެ ކަމަށް ހިތެއް ނުބުނޭ." އާ ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އިބްރާ ވިދާޅުވިއެވެ.

މާދަމާ ބާއްވާ ކައުންސިލް އިންތިޚާބުގައި އެކަށީގެންވާ ވަރަށް މީހުން ވޯޓުލާން ނުދާނެ ކަމަށް އިބުރާ ނޫނަސް ބައެއް އެހެން ފަރާތްތަކުން ވެސް ގަބޫލުކުރެއެވެ. ކޯވިޑްގެ ބަލިމަޑުކަމާއި މީހުންގެ އިގްތިޞާދީ ފުދުންތެރިކަން ދަސްވެ މާޔޫސްވެފައި ވުމީ މާދަމާގެ ވޯޓަށް އަސަރު ކުރާނެ މައިގަނޑު ދެ ސަބަބު ކަމަށް އެފަދަ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އިބްރާ އިތުރަށް ވިދާޅުވީ ކައުންސިލް އިންތިޚާބު ލިބުމުން ތަރައްޤީ ގެނެވި، ރައްޔިތުންގެ ކަންކަން ފަސޭހައިން ވާނެކަމަށްބުނެ އެމްޑީޕީން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް ރައްޔިތުން ދިނުމުން ވީހަމަ އެއްކަމެއްވެސް ނެތްކަމަށް މާލޭގެ މެމްބަރު ކަން ކުރެއްވި އިބްރާ ވިދާޅުވިއެވެ.

"ސަރުކާރާއި، މަޖިލިސް އެކުގައި އެއްޕާޓީއަކަށް ދީގެން ނުހޯދުނު މޮޅެއް، ސިޓީ ކައުންސިލް އަދި އެއްފަހަރު ދީގެން ރައްޔިތުންނަށް ވާނެ މޮޅެއް ނުވިސްނޭ. އެކަމަކު ވެދާނެ ކަމެއް ބުނެފާނަން. މަޖިލީހުގައި ތިބި މީހުން ސަރުކާރު އެކަހެރި ކޮށްފައި، މާލެއަށް ހިތުހުރި ގޮތެއް ހަދާފާނެ." އިބްރާ ވިދާޅުވިއެވެ.

ކައުންސިލް ވޯޓުލުން މާދަމާ ބާއްވާއިރު، ވެރިކަން ކުރާ އެމްޑީޕީގެ އިސްބޭފުޅުން ވިދާޅުވަނީ މި އިންތިޚާބަކީ ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެންވެސް އެޕާޓީއަށް މުހިންމު އިންތިޙާބެއްކަމަށެވެ. އެހެން ނަމަވެސް ވެރިކަން ހަވާލުކޮށް ބޮޑު ސުޕަ މެޖޯރިޓީއާއެކު މަޖިލިސް ލިބުމުންވެސް ނުކޮށްދެވުނު ކަމެއް ކައުންސިލް ދިނަސް ވެދާނެ ކަމަށް ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން