މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ ފުލުހުންގެ މުއައްސަސާގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން  ބްލޫ ރޭ" ގެ ސެކިއުރިޓީ ބްރީފިންގ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.



ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ އިންތިޚާބާ ގުޅިގެން ފުލުހުންނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ސަލާމަތީގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދީ، އިންތިޚާބުގެ ފަހުން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަންއަމާންކަމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތު ނުދީ، ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުންކަމަށެވެ.



އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންވެސް މި މިޝަނަށް މަސައްކަތް ކުރެއްވުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ. މި އިންތިޚާބަކީ ފުލުހުންގެ އައު ގާނޫނަށް އަމަލު ކުރަންފެށި ފަހުން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަރަކާތެއްކަން ފާހަގަކުރައްވައި، މިއީ ފުލުހުންގެ ދައުރު އަދާކޮށް، ޕްރޮފެޝަނަލްކަމާއި މުއައްސަސާގެ އިންޓަގްރިޓީ އާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން މަސައްކަތްކުރާ ރަނގަޅު ގޮތުގެ ސަބަބުން މުއައްސަސާގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

އަދި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި ހަރުދަނާކަމާއެކީ ގާނޫނާއި ގަވާއިދުތައް އެނގިތިބެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އޮޕަރޭޝަން ބްލޫ ރޭގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެ މަސައްކަތްތައް ދުރާލައި ރޭވިގެން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގައާއި ރާއްޖެއިން ބޭރު އަދި ވޯޓު ފޮށި ބެހެއްޓޭ އެންމެހާ ތަންތަނަށް ވޯޓު ފޮށިތައް ރައްކާތެރިކަމާއެކު ގެންދެވި، ވޯޓު ފޮށިތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އިންތިޚާބާ ގުޅިގެން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރި ވަމުންދާނެކަމަށާއި އޮޕަރޭޝަނުގެ އެންމެހާ ކަންކަން ނިމި، އޮޕަރޭޝަން އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިންތިޚާބުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށާއި ފުލުހުންނަށް އެންމެ ފުރިހަމަ ގޮތުގައި ބްރީފިންގ ދީފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން