ޒަހީނުއްދީން ސަޢީދު   10 އޭޕްރީލު 2021 - 12:40
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ވޯޓްލުން ފެށީ މިއަދު ހެނދުނު 7 ޖެހިއިރުއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ވޯޓްލުން ހެނދުނު 7:00 އިން ފެށިގެން ހަވީރު ހައެއް ޖެހުމާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ. ކޮމިޝަނުން ބުނީ އަދި މިހާތަނަށް ވޯޓުލާން ފަށާފައިވަނީ 513 ފޮއްޓެއްގައި ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 713 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މިހާތަނަށް 2718 މީހަކު ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ރިސޯޓްތަކާއި ސިނާއީ މަަސައްކަތް ހިނގާ ރަށްރަށުގައިވެސް ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ. ރާއްޖެއިން ބޭރުގައި އިންޑިއާ އާއި ލަންކާގައި ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

ހެނދުނު ހަތެއް ޖެހިއިރު ގިނަ މަރުކަޒުތަކުގައި ވޯޓްލުން ފެށުނު ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން ދެ ރަށެއްގައި ވޯޓްލުން ނުފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެއީ މ. ރަތްމަންދޫ އާއި ވ. ތިނަދޫގައެވެ. ރަތްމަންދޫ އާއި ތިނަދޫގައި ވޯޓްލުން ފެށޭނީ 08:30 ގައެވެ. އެ ދެރަށުގެ ވޯޓްލުން ފަސްވީ އެހެން ރަށްރަށުން އޮފިޝަލުން ފޮނުވަންޖެހޭތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.



ވިލުފުށީގައި ވޯޓުލުން ފެށޭގޮތް ނުވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުން ވަނީ އެ ރަށުން އޮފިޝަލުން ހަމަޖެހިފައެވެ. އިންތިހާބުގެ ވޯޓް ނެގުމަށް ހަމަޖެހިފައިވާ ވަގުތު ކަމަށްވާ ހެނދުނު 7:00 އިން ހަވީރު 5:00 އަށް އާންމުންނަށް ވޯޓު ލެވޭނެއެވެ. ފަހެއް ޖެހުމާއެކު އާންމުންގެ ކިއު ބަންދުވާނެ ކަމަށާއި، އޭގެ ފަހުން އޮތް ގަޑިއިރު ހާއްސަކޮށްފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީންގައި ތިބި މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ޕޮޒިޓިވް މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓްލާން ދިއުމަށް އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ. އަދި ވޯޓްލާން އެއް ރަށުން އަނެއް ރަށަށް ދިއުމަށްވެސް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް ވޯޓްލާން ދަތުރުކުރާ މީހުން 48 ގަޑިއިރުގެ ފަހުން އެނބުރި އައި ރަށަށް ދާން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު ސިޓީ ކައުންސިލަށް 18 މެންބަރުން އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާއިރު މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުން ކެންޑިޑޭޓުން ވަނީ ނެރެފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވެސް ގިނަ ބަޔަކު އިންތިޚާބުގައި ވާދަކުރެއެވެ.



ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ފަރާތުން 647 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީން ވެސް 115 ކެންޑިޑޭޓުން ވާދަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން