ރައީސް ޔާމީން
ރައީސް ޔާމީން
މާލޭ ސިޓީ ގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ނުދެއްވަން ރައީސް ޔާމީން ނިންމެވި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ދޮގުކޮށްފިއެވެ.

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީޕީއެމް ގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ނުލައްވަން ރައީސް ޔާމީން ނިންމަވައިފި ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ. އަދި އެފަދަ ގޮތަކަށް އަމަލު ކުރައްވަން ރައީސް ޔާމީން ނިންމަވާފައި ނުވާ ކަމުގެ ކަށަވަރުކަން ރައީސް ޔާމީންގެ ލޯޔަރުން ގެ ޓީމުން ވެސް ވަނީ އެޕާޓީއަށް ދީފައި ކަމަށާއި، ޑރ މުއިއްޒު އެކޭ އެއްފަދައިން މިފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ރައީސް ޔާމީން ގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ކަމުގެ ކަށަވަރުކަން އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުންނާއި އެ ކޯލިޝަންގެ ލީޑާޝިޕްގެ ފަރާތުންދޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ނޫހުގައި ޝާއިޢުކޮށްފައިވާ އެ ހަބަރު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އަދި އެފަދަ ހަގީގަތާއި ހިލާފު، ދޮގު ހަބަރުތައް ނޫސްތަކުގައި ލިޔެގެން އެޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އަރައި ނުގަތުމަށާއި، ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑުން ބޭރު ނުވުމަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ.

އެފަދަ ހަބަރުތައް ލިޔާއިރު ކަމުގެ ފުރިހަމަ މައުލޫމާތު ހޯއްދާ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރެއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ނަސޭހަތްތެރި ވެފައި ވެއެވެ. ހަމައެއާއެކު، އެމައްސަލަ މީޑިއާ ކައުންސިލާއި އިލެކްޝަންސް ކޮމިޝަނުން، އަދިވެސް ކަމާބެހޭ މުއައްސަސާތަކުން ބަލާ ފިޔަވަޅު އެޅުއްވުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން