ބައެއް ފޮށިތަކުގެ ވޯޓްލުން އަދިވެސް ފެށިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުން ކުރިއަށް ދާއިރު، ހެނދުނު 7:00 ޖެހިއިރު ވަނީ ވޯޓްލުން ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ބައެއް ފޮށިތަކުގެ ވޯޓްލުން އަދިވެސް ނުފެށޭކަމަށެވެ. އެއީ އެ ފޮށިތަކަށް ވޯޓް ލާން ބަޔަކު ނާންނާތީކަމަށެވެ.

ގާނޫނުތައް ބުނާގޮތުން ވޯޓް ފޮށިތައް ހުޅުވައި ވޯޓްލާން ފެށޭނީ، ވޯޓްލާން ބަޔަކު އައިސް ތިބިނަމަ އެވެ.



ކައުންސިލް އިންތިހާބެ ވޯޓްލުން ރާއްޖޭގެ އިތުރުން ސްރީލަންކާއާއި އިންޑިއާގައި ދަނީ ކުރިއަށެވެ. އަދި އެ ދެ ގައުމުގައި ބެހެއްޓި ފޮށިތަކުގެ ވޯޓްލުން ކުރިއަށްދާކަމަށް އިލެކްޝަންސުން ވިދާޅުވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ރިސޯޓްތަކާއި ސިނާއީ މަަސައްކަތް ހިނގާ ރަށްރަށުގައިވެސް ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ. ރާއްޖެއިން ބޭރުގައި އިންޑިއާ އާއި ލަންކާގައި ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު ސިޓީ ކައުންސިލަށް 18 މެންބަރުން އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާއިރު މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުން ކެންޑިޑޭޓުން ވަނީ ނެރެފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވެސް ގިނަ ބަޔަކު އިންތިޚާބުގައި ވާދަކުރެއެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ފަރާތުން 647 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީން ވެސް 115 ކެންޑިޑޭޓުން ވާދަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން