ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓްގެ ކެންޑިޑަސީ ކޯޓުން ބާތިލްކޮށް، އޭނާއާ ދެން ވާދަ ކުރި ކެންޑިޑޭޓް އޮޓޮމެޓިކުން އިންތިޚާބުވި ކަމަށް ނިންމި މައްސަލައިގައި، ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ނިގުޅައިގެންފައިވާތީ އެމައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ކަނޑޫދޫ 100 އަށްވުރެ ގިނަ މީހުންގެ ފަރާތުންނެވެ.

ވޯޓަކާ ނުލައި ކައުންސިލްގެ ރައީސް ހޮވުމުން ރަށުގެ ވެރިޔާ ކަނޑައެޅުމުގެ ހައްގު އެރަށު ރައްޔިތުންނަށް ގެއްލޭ ކަމަށް ބުނެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު، ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މިމައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް މިމައްސަލަ ހައިކޯޓުން ބަލައިގެންފައިވާކަން އަދި ނާންގައެވެ.

ކަނޑޫދޫ ކައުންސިލް ރައީސްކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން މޫސާގެ ކެންޑިޑަސީ އިލެކްޝަން ކޮމިޝަނުން ބާތިލް ކުރުމުން ސުޕްރީމް ކޯޓުން ފުރަތަމަ ހުކުމް ކޮށްފައިވަނީ އޭނާގެ ކެންޑިޑަސީ ބާތިލް ކުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ކޯޓުން ނިންމީ ދަރިންނަށް ހަރަދު ނުދޭ މައްސަލައެއް ސާބިތުވެފައި އޮތުމުން އޭނާގެ ކެންޑިޑަސީ ބާތިލް ކަމަށެވެ.

ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލު ކުރުމުން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން ވަނީ ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވޯޓަކާ ނުލައި ހޮވިފައެވެ. ނަމަވެސް ގާނޫނުއަސާސީގައި ބުނަނީ ކައުންސިލް އިންތިޚާބުގައި ކައުންސިލަރުން ހޮވާނީ އެދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ. ރައްޔިތުންނަށް އެފުރުސަތު ނުލިބި މިހާރުވެސް އެމްޑީޕީގެ ގިނަ އަދަދެއްގެ ކައުންސިލަރުން ވަނީ އިންތިޚާބު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން