ރިސޯޓެއް ތަރައްގީކުރުމުގެ ތެރޭގައި ތިމާވެށްޓަށް ގެއްލުން ލިބޭގޮތަށް މަސައްކަތްކޮށްފައިވާ މައްސަލައިގައި ޔޮޓް ޓުއާސް ކުންފުނި ޖޫރިމަނާ ކުރެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިމައްސަލައަކީ ގދ. ވަޓަވައްރެހާގައި ޓޫރިސްޓު ރިޒޯޓެއް ތަރައްގީ ކުރުމުގައި ޔޮޓް ޓުއާސް ކުންފުނިން އެ ރަށުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ފަޅުން ވެލި ނަގައި ބިން ހިއްކި މައްސަލައިގައި ކުރި ޖޫރިމަނާ ނުދައްކައިގެން ދައުލަތުން ހުށަހެޅި މައްސަލައެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ އޭޕްރިލް 13، 2009ގައި އެ ރަށަށް ޒިޔާރަތްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ ރަށް ތަރައްގީކުރުމަށް ހެދި އީއައިއޭ ރިޕޯޓަށް ބަލާއިރު، ރަށް ތަރައްގީ ކުރަން ހުއްދަދީ ދޫކުރި އެންވަޔަރަމެންޓް ޑިސިޝަން ނޯޓާ ހިލާފަށް ޔޮޓް ޓުއާސްއިން އަމަލު ކޮށްފައިވާ ކަމަށެވެ. އެ ޑިސިޝަން ސްޓޭޓްމެންޓް ދޫކޮށްފައި ވަނީ ރަށުގެ އެއްވެސް ދިމާލަކުން ވެލި ނުނެގުމަށް ޝަރުތުކޮށްކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. ނަމަވެސް ޔޮޓް ޓުއާސްއިން އެރަށުގެ އެކި ސަރަހައްދުތަކުން ވެލި ނަގާ، ބައެއް ސަރަހައްދުތައް ހިއްކާފައިވާކަމަށްވެސް އެރިޕޯޓުގައިވެއެވެ. އަދި އެމައްސަލައިގައި 2009 ވަނަ އަހަރު 12.9 މިލިއަން ރުފިޔާއިން އެކުންފުނި ޖޫރިމަނާކުރިނަމަވެސް، ޔޮޓް ޓުއާސްއިން އެފައިސާ ދައްކާފައެއްނުވެއެވެ.

ކޯޓުގައި މިމައްސަލަ ކުރިއަށްދިޔައިރު ޔޮޓް ޓުއާސްއިން ހިލާފުވެފައިވާ ރަށް ތަރައްގީ ކުރަން ހުއްދަ ދޫކުރި އެންވަޔަރަމެންޓް ޑިސިޝަން ސްޓޭޓްމަންޓުގެ ކޮޕީއެއް ހޯދުމަށް ކޯޓުން އެދުމުން ދައުލަތުން ބުނެފައިވަނީ އެ ލިޔުން މިހާރު ފެންނަން ނެތް ކަމަށެވެ. އެލިޔުން ނެތުމުން ކޯޓުން ނިންމީ ޔޮޓް ޓުއާސްއިން އެއާ ހިލާފުވިކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ސާބިތު ނުހިފޭ އެއްޗެއްގެ މައްޗަށް ބަދަލު ނަގައިދެވޭނެ ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށްވެސް ކޯޓުގެ ހުކުމުގައިވެއެވެ.

މީގެއިތުރުން ގާނޫނާއި ޚިލާފަށް ޔޮޓް ޓުއާސްއިން ބިން ހިއްކާފައިވާކަންވެސް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް ހުކުމުގައިވެއެވެ. މީގެއިތުރުން އެންވަޔަރަމެންޓް މިނިސްޓްރީއިން ތައްޔާރު ކުރި ރިޕޯޓަކީ ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ރިޕޯޓެއްކަން އެނގެން ނެތްކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް