މިހާރު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި، ​ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު މެންދުރުފަހު ވޯޓުލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލެއްވީ، މާފަންނު ސްޓޭޑިއަމްގައި ބަހައްޓާފައިހުރި ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓުފޮށްޓަށެވެ. ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ކައުންސިލް އިންތިހާބުގައި ދޭ ވޯޓަކީ ލާމަރުކަޒީ ރާއްޖެއަކަށް ކުރަމުންދާ ދަތުރަށް މުހިއްމު ކަމެއް ކަމަށެވެ.

އަދި މިއިންތިޚާބުގެ ސަބަބުން ރަށްރަށުގައި ހިންގާ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ނައިބް ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމާއިއެކު ރަށްރަށުގެ ތަރައްގީ ޔަގީން ކުރެވޭނެކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނުކުންނެވުމަށް ނާއިބް ރަައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތަފާތު އެކި ފިކުރުތަކުގެ މީހުންނާއިއެކު މަސައްކަތްކުރައްވަން އެނގިވަޑައިގަންނަވާނެ ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް ފިކުރެއްގެ މީހެއް ބާކީ ނުކުރައްވާނެ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

2018 ގައި ކޯލިޝަނެއް ހައްދަވައިގެން އެކޯލިޝަންގެ ލީޑަރުންގެ ވެސް ބުރަ މަސައްކަތުން ވެރިކަމަށް ލިބިވަޑައިގެންނެވި ރައީސް ޞާލިޙު މީގެ ކުރިން ވިދާޅުވެފައި ވަނީ މި އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓުން ނޫން ބަޔަކަށް ވޯޓުލާންޖެހޭ ސަބަބެއް އޮތްކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން