މާލޭގެ ސިޓީ ކައުންސިލަށް ހޮވުނު އެހެން ޕާޓީތަކުގެ މެމްބަރުންނާއެކުވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ މާލޭގެ ހާލަތު ރަނގަޅުކުރެވޭނީ ސިޔާސީ ހިޔާލުތަފާތުތައް ނައްތާލެވިގެން ކަމަށެވެ. އެ ހިޔާލުތަފާތުވުން އެއީ މާލޭގެ ތަރައްގީއަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މާލޭގެ ސިޓީ ކައުންސިލަށް ހޮވުނު އެހެން ޕާޓީތަކުގެ މެމްބަރުންނާއެކުވެސް ޓީމެއްގެ ގޮތުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ޕާޓީތަކުގެ ފަރާތުން ހޮވުނު ކައުންސިލަރުންްނަށް ޖުމްލަކޮށް ހޮވިވަޑައިގެންނެވި 18 ކައުންސިލަރުންނާއެކީގައި ޓީމެއްގެ ގޮތުގައި ނަތީޖާ ނެެރެދެވޭނެ ވަރުގަދަ މަސައްކަތްތަކެއްކޮށް މާލޭގެ ރައްޔިތުން އުފާކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަމޭ." ޕީޕީއެމްގެ ނާއިބް ރައީސް ކަންވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް އިސްނަގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދާނެކަމަށެވެ. އެހެން ނަަމަވެސް ސަރުކާރުން ރައްޔިތުންނަށް ފައިދާ ނުވާކަމެއް ކުރާނަމަ އެކަމެއް ސަރުކާރަށް ހުށަހަޅައިގެން އެކަމެއް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ހާލަތު އެގިވަޑައިގަންނަވާތީ އެކަންކަމަށް ނިމުުމެއް ގެނައުމަށް ކަމަށެވެ. މާލޭގެ ރައްޔިތުން ކުރެއްވި އިތުބާރަށް ކުޑަނަމަވެސް ބުރޫ އަރާ ކަމެއް ނުކުރައްވާނެ ކަމަށާއި އަމާނަތްތެރިކަމާއެކު ހަވާލުކުރި ޒިންމާ އަދާކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން ދެއްވި ވޯޓުގެ މާނައަކީ ތިމަންނާމެން ގޯތި ބޭނުންވަނީ ގުޅީފަޅުންކަން އަންގަން ދިން ވޯޓެއް ކަމަށެވެ. މާލޭ މީހުންނަށް ގުޅީފަޅުން ގޯތި ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ސަރުކާރަށް ހުށައަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޕީޕިއެމް އޮފީހަށް ވަޑައިގަތުމަށް އޭނާއަށް ޕާޓީގެ ލީޑަރ ޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ. މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިޚާބުވެފައިވާއިރު މާލޭ ސިޓީގެ ގިނަ ގޮނޑިތަކެއް އިދިކޮޅު ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ފަހުގެ ތާރިޚެއްގައި މާލޭ ސިޓީން އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން