އަލިފާން ރޯވެ އަނދަމުން ގޮސް އެނބޫދޫ ފިނޮޅު ކައިރިއަށް އިއްޔެ އިރުއޮއްސެނިކޮށް އަޑިއަށްދިޔަ ތެއު ބޯޓް އޮތީ 1000 މީޓަރަށްވުރެ ފުނުގައިކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި "ސީ ސްޓަރ" ތެޔޮ ބޯޓްގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް އަންގާފައިވަނީ އިއްޔެ ހަވީރު 17:50 ހާއިރުކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގާފައިވަނީ ކ. އެނބޫދޫފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުންކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެގެ 18:27 ގައި ބޯޓް ވަނީ އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓް އަޑިއަށް ގޮސްފައިވަނީ 1000 މީޓަރާއި 1400 މީޓަރާއި ދެމެދުގެ ފުންމިނަކަށްކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިބޯޓުން ޑީސަލް ލީކުވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށާއި ތެޔޮ ލީކްވޭތޯ ކޯސްޓްގާޑުން ދަނީ ހުއްޓާނުލާ ބަލަމުންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމަށް އެންވަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ގުޅިގެން ތައްޔާރުވަމުން އަންނަ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްކުރެއްވި ޓްވީޓެއްގައި މިހާދިސާގެ ކަންކަން ރައީސް އޮފީހުންވެސް ވަރަށް ގާތުން ބަލަމުންދާކަމަށް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން