ރައީސް ނަޝީދު ( ކ-ވ) މާލޭގެ އާ މޭޔަރު ޑރ.މުއިއްޒު
ރައީސް ނަޝީދު ( ކ-ވ) މާލޭގެ އާ މޭޔަރު ޑރ.މުއިއްޒު
މާލޭގެ މޭޔަރުކަމަށް ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބުވެވަޑައިގެންނެވި ޕީޕީއެމްގެ ނައިބުރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވަނީ މާލޭގެ ކަންކަން ޙައްލުކުރުމަށް ޑރ. މުޢިއްޒު ބުރަކޮށް މަސައްކަތްކުރައްވާނެ ކަމަށް ކަމަށެވެ. އަދި ޑރ. މުޢިއްޒަށް އެމަނިކުފާނުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބަށް އެ ޕާޓީއަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މާލެ ފިޔަވައި ގިނަ ކައުންސިލުތަކުގެ އަޣްލަބިއްޔަތު އެމްޑީޕީން ހޯދާފައިވާ ކަމަށެވެ.



މާލެ ސިޓީގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވިއިރު، އައްޑޫ ސިޓީ ކައުންސިލުގައި އެ ޕާޓީން ޒަމާނުއްސުރެ ދަމަހައްޓަމުން އައި ބޮޑު އަޣުލަބިއްޔަތު ގެއްލި އެޕާޓީއަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިފައެވެ.

މާލޭގެ ސިޓީ ކައުންސިލަށް ހޮވުނު އެހެން ޕާޓީތަކުގެ މެމްބަރުންނާއެކުވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ދެއްވާފައެވެ.

"ޕާޓީތަކުގެ ފަރާތުން ހޮވުނު ކައުންސިލަރުންްނަށް ޖުމްލަކޮށް ހޮވިވަޑައިގެންނެވި 18 ކައުންސިލަރުންނާއެކީގައި ޓީމެއްގެ ގޮތުގައި ނަތީޖާ ނެެރެދެވޭނެ ވަރުގަދަ މަސައްކަތްތަކެއްކޮށް މާލޭގެ ރައްޔިތުން އުފާކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަމޭ." ޕީޕީއެމްގެ ނާއިބް ރައީސް ކަންވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވި އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުއިއްޒު ގޮނޑި ކާމިޔާބު ކުރެއްވީ ވާދަވެރި އެމްޑީޕީގެ ކެންޑިޑޭޓަށް ވުރެ ދެގުނަ ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން