ރަށްވެހިފަތިހުގެ ކެހިވެރިކަން ފާޅުވެ، ރޯޝަނީ މަންޒިލަކަށް އަލިވިލެއްޖެކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމާއެކު މަޖިލިސް މެމްބަރުކަން ކާމިޔާބު ކުރަށްވައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ފަހުން ނުކުމެވަޑައިގެންނެވި ވައްޑެ މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު ފަރާތްތަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ލިބުނު ކާމިޔާބާއި ގުޅިގެން ކަމަށް ބެލެވެއެވެ. ވައްޑެ އަކީވެސް އޭނާގެ މަޖިލީހުގެ ގޮނޑި ގުރުބާން ކުރެއްވުމަށްފަހު އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ވަރަށް ކުރީސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މަޖާޒީ ގޮތަކަށް ވައްޑެ ކުރި ޓްވީޓުގައި ވަނީ ފަށުވި އިބާރާތްތަކަކުން މުއިއްޒަށް މަރުހަބާ ވިދާޅުވުމާއެކު މަލާމާތުގެ ރާގެއްގައި އެމްޑީޕީއަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ވައްޑެ ކުރި ޓްވީޓްގައި ވިދާޅުވީ، "ބޮޑާކަމާއި ކިބުރުވެރި ބަސްތަކާއި އަމަލުން ހޮޅި ހޮޅި ތެރޭ ބިރަކާއި ނުލައި މަޖާކުރަމުން ދަނިކޮށް، އެބަޅު ރުކުގައި ޖެހި ވެއްޓި، ރަށްވެހި ފަތިހުގެ ކެހިވެރިކަން ފާޅުވެ، ރޯޝަނީ ފަތިހަކަށް އަލިވިލި، މާލެ ސިޓީ މުއިއްޒުވެ ނިމިއްޖެ" ކަމަށެވެ.



ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން އުއްމީދު ކުރި ކާމިޔާބީއެއް ލިބިފައި ނުވާއިރު އިދިކޮޅު ފަރާތްތަކުން ސިފަ ކުރަނީ އެމީހުން ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. މިއީ މިފަހުން އިދިކޮޅު ފަރާތްތަކަށް ލިބުނު އެންމެ ބޮޑު ސިޔާސީ ކާމިޔާބީއެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށް އުފާ ފާޅުކުރަމުންނެވެ.

ސަރުކާރު ހިންގާ އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހުނުއިރު، މިހާތަނަށް އައިއިރު އިންތިހާބުގެ ނާކާމިޔާބީއާ ގުޅޭގޮތުން އެމްޑީޕީން ވާހަކަ ދައްކާފައެއް ނުވެއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުން އެމްޑީޕީއަށް ކާމިޔާބު ލިބުނުކަން ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން