ލާމަރުކަޒީ ޤާނޫނުގެ ދަށުން މަޝްރޫޢުތައް ހިންގަން ސިޓީ މޭޔަރުންނަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މޭޔަރުކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަރުހަބާ ވިދާޅުވެފައިވާކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސިޓީތަކުގެ މޭޔަރުންނަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވިކަމަށް މަބްރޫކް ވިދާޅުވިއެވެ.



ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުންގެ މަޤާމަށް ވަނީ ބޭފުޅުން އިންތިޚާބުކޮށްފައެވެ. މީގެތެރެއިން މާލެ ސިޓީ ކައުންސިލް ފިޔަވައި އެހެން ކައުންސިލްތަކުގެ މެޖޯރިޓީއާއި މޭޔަރުގެ މަޤާމް ލިބުނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ހޮވިވަޑައިގެންނެވިއިރު، އައްޑޫ ސިޓީގެ މޭޔަރުކަމަށް އަލީ ނިޒާރު، ފުވައްމުލައް ސިޓީގެ މޭޔަރުގެ މަޤާމަށް އިސްމާއިލް ރަފީގް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ މަޤާމަށް މުހައްމަދު އާތިފް ވަނީ ހޮވިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން