ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 67 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް މީހުން ވޯޓުލާން ނުކުމެފައިވާކަމަށެވެ. އެގޮތުން އެކޮމިޝަނުން އަންދާޒާކުރީ ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓްލާނީ 45 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދެއްކަމަށެވެ.

ނަމަވެސް އިއްޔެ ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273128 މީހުންގެ ތެރެއިން 67 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ވޯޓްލީ މީހުންގެ ތެރެއިން 22 އިންސައްތައަކީ މާލެ ސަރަޙައްދުން ވޯޓުލުމަށް ނުކުތް މީހުންކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓްލުން ކުރިއަށްގެންދިޔައިރު، އިންތިޚާބު ނިންމާލާފައިވަނީ މާބޮޑު މައްސަލަތަކެއް ކުރިމަތިނުވެއެވެ. އެގޮތުން އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން