"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ޚިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއި ހަވާލުކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީއެވެ.

މި އެއްބަސްވުމުގެ ދަށުން، 17 ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓް މޯލްޑިވްސްއާއި އެމްޓީސީސީން ވަނީ ހަވާލުކޮށްފައެވެ.

ގަލްފް ކްރާފްޓް މޯލްޑިވްސް އަކީ މި ފަންނުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ކުންފުންޏެވެ. އަދި މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އަދި 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ ފެރީތަކެކެވެ. އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މި ފެރީތަކުގެ ސްޕީޑް 3 ގުނަ ބާރު ވާނެއެވެ. މިފެރީތައް ބަނުމުގައި އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ގޮތަށެވެ. މިގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވޭނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ޤާއިމްކުރެވޭނެއެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން، ޓާރމިނަލާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައެވެ. މިގޮތުން، ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށި، އެހެން ޓާމިނަލް ތަކާއި ފެރީ ސްޓޮޕް ތަކުގެ މަސައްކަތްތައް ފެށުމަށް ޓީމްތައް މިހާރުދަނީ ތައްޔާރުވަމުންނެވެ. އަދި މި މަޝްރޫޢުގެ ދަށުން، ބަންނަ ސްޕީޑް ފެރީގެ ޚިދުމަތް މިއަހަރުގެ ނޮވެމްބަރުމަހު ފެށުމަށްޓަކައި، ބޭނުންވާ ފަންނީ މުއައްޒަފުން ހޯދުމަށް މިމަހުގެތެރޭ އިއުލާނު ކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް