ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ ތަފާތުގޮތަކަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ސިފަ ކުރައްވައިފިއެވެ.

އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރަަށްވާފައެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިންތިޚާބުގައި ކުރިމަތިވި ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ ސިފަކުރެއްވީ ތަފާތު ގޮތަކަށެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ހެދި ހާއްޔަކަށް ޕީޕީއެމުން ބިސް އެޅީކަމަށެވެ.

"ކޮވެއްޔަށްވީގޮތް ވެނިމިފައި މިއޮތީ. ހާލި ހެދީ އަޅުގަނޑުމެން (ކާޅު) ޕީޕީއެމުން އައިސް އެތަނަށް ބިސް އަޅާފައި މިއޮތީ. އަޅުގަނޑު ދެކޭގޮތުގައި މިއީ އަޅުގަނޑުމެން ބުޅާ ހެދިފައި ހާލި ވައްޓާލަން ދުއްވައިގަންނަންވީ ކަމެއްނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބު ނާކާމިޔާބުވުމަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ހުރެދާނެކަމަށެވެ. އަދި އެކަންކަން އެނގޭނީ އެންމެން އެއްކޮށް އިށީނދެ، މަޝްވަރާކުރުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކުށަކީ ކޮބައިތޯ؟ ރައީސް ޞާލިހުގެ ކުށަކީ ކޮބައިތޯ؟ މި ކުށް އަޅުގަނޑުމެން ދެ މީހުންގެ ތެރޭގައި އުޅެންޖެހޭނެ. އެއަކު އެއްވެސް ޝައްކެއް ނެތް. ދެން އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ވަޅުލާވަރުގެ ކުށެއްތޯ ނިންމަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހާއި އެމަނިކުފާނާއި ދެމެދު މައްސަލަތަކެއް އުޅޭކަމަށް ފުރަތަމަ ފަހަރަށް ވަނީ އިއުތިރާފްވެވަޑައިގެންފައެވެ.

"އަޅުގަނޑު ވިސްނާގޮތުގައި އަޅުގަނޑުމެން ދެ މީހުންގެ މެދުގައި މައްސަލަ ހުރެގެން... މިސާލަކަށް މައްސަލަ މިހުންނަނީ ވެންޓިލޭޓަރު މައްސަލައިގައި.. އަޅުގަނޑުމެން ދެ މީހުންގެ މެދުގައި މައްސަލައެއް ނޯންނާނެ ވެންޓިލޭޓަރުގެ މައްސަލަ ނެތްނަމަ. ޕާޓީގެ މެމްބަރުން ބޭނުންވަނީ ޕާޓީ ނަޒާހަތްތެރިވާން. އެމެމްބަރުން ބޭނުންވާގޮތަށް ކުރެވޭތޯ ބަލާކަމެއް އަޅުގަނޑު. އެކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ. އެއް ބަޔަކު ބުނާގޮތުން އެމްޑީޕީގެ ނާކާމިޔާބީގެ އަސްލަކީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމެެވެ. އަނެއްބަޔަކު ދެކޭގޮތުގައި ނާކާމިޔާބީގެ އަސްލަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމެވެ.

އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅުދައްކަވާފައިވާއިރު، ރައީސް ޞާލިހު މިހާތަނަށް މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. ނަމަވެސް އެމަނިކުފާނު ވަނީ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން