ރައީސް ނަޝީދަކީ ރައްޔިތުންގެ ބަސް ވަރަށް އަވަހަށް ހަނދާން ނެތޭ ބޭފުޅެއްކަމަށް ޓެކްނޮލޮޖީ މިނިސްޓަރަކަށް ހުންނަވަނިކޮށް މަޖިލީހުން ބޭރުކޮށްލި މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ކުރީގެ ނާއިބު ރައީސް އަލީ ޒާހިރު 2012 ވަނަ އަހަރުގެ އޭޕްރީލްމަހު ކުރެއްވި ޓްވީޓަކަށް އިޝާރާތް ކުރައްވައެވެ.

އޭރު އޮތް އިންތިހާބަކަށް އިޝާރާތްކުރައްވައި އެޓްވީޓުގައި އަލީ ޒާހިރު ވިދާޅުވީ ކާމިޔާބުގެ އަަސްލަކީ ގުޅިގެން މަސައްކަތް ކުރުން ކަމަށާއި، އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ބުނެދެނީ "ކަލޭ އެކަނި ތިކަން ކުރަން ނޫޅޭށޭ" ކަމަށެވެ. އަލީ ޒާހިރު ނަކަލު ކުރަށްވާފައިވާ މި ބަސްފުޅަކީ އޭރު ރައީސް ނަޝީދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.



އަލީ ޒާހިރުގެ މި ޓްވީޓް ރީޓްވިޓްކުރައްވަމުން މަލީހު މިއަދު ވިދާޅުވީ މިވާހަކަތައް ރައީސް ނަޝީދަށް ހަނދާން ކޮށްދެއްޖެހޭކަމަށެވެ.

"‏އިންތިޙާބުގެ ނަތީޖާ ވަރަށް ސާފު. ކަލޭ އެކަނި ތިކަން ކުރަން ނޫޅޭށޭ. މިވާހަކަ އަލުން ހަދާންކޮށްދޭން ޖެހޭ. ރައީސް ނަޝީދަކީ އަބަދުވެސް ފިލާވަޅު ދަސްނުކުރާ ކުއްޖެއް. ސްކޫލް ދައުރެއް ނިންމާލެއްވީ ނީލް ޑައުންގައި." މަލީހު ވިދާޅުވިއެވެ.



ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ހީނުކުރާ ވަރުގެ ބައްޔަކާއި ކުރިމަތިލާންޖެހުނުއިރު، އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަހުރިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ކޯލިޝަން ޕާޓްނަރުންނާއިމެދު ސަރުކާރުން ކަންތައްތައް ކުރަމުންދާ ގޮތަކީ އޭގެ ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ކޯލިޝަން ސަރުކާރުގެ ސާޅީސް އިންސައްތައާއެކު އިންތިޚާބަށް ނުކުމެ މުޅި ސަރުކާރުގެ އެންމެހާ ވަސީލަތްތަކާއި ބާރުތަކެއް އެމްޑީޕީން އެކަނި ބޭނުން ކުރުމުގެ ނަތީޖާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން