ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރު އޯ މެޝިން ބަހައްޓައިފިއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓް ގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުންކަމަށެމެވެ. އެގޮތުން، 2 އާރު.އޯ މެޝިން ބަހައްޓައިގެން އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން އެފެން ބޯން ލިބޭނެހެން ސްކޫލުގައި ވަނީ 3 ވޯޓަރ ޑިސްޕެންސަރވެސް ބަހައްޓާފައެވެ.

ބީއެމްއެލް ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ކޮލަމާ ޖަމިއްޔާގެ ފަރާތުން ޝާމާ ތައްޚާން ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން އެރަށު ސްކޫލުގައި ކިޔަވަމުންދާ 114 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެކަމަށެވެ.

"ސްކޫލުގައި މިހާރު ބޭނުންކުރާ ފެނަކީ ޑީސަލިނޭޝަން ފެން ކަމުން މިފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯވޭ. އެހެން ކަމުން މި ބޭނުން ކުރަނީ އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި. އަދި މިކަމުގެ ސަބަބުން ދިރާސީ އަހަރެއްގެ ތެރޭގައި ގާތްގަޑަކަށް 16،500 ޕްލާސްޓިކް ފުޅި އުކާލެވޭ. އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން." އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ގެ ދަށުން ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށް ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ތިމާވެއްޓާއި ރައްޓެހި ގޮތް ހިޔާރުކުރުމަށްޓަކައި އަޒުމް ކަނޑައަޅާފައެވެ. އަދި މި ޕްރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް މަގުފަހި ކުރުމަށްޓަކައި އެޖަމިއްޔާގެ ފަރާތުން ވަނީ ބެހެއްޓިފައިވާ ޕްލާންޓާއި ފިލްޓަރ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސްގެ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތާވެސް ހަވާލުވެފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ އިޖުތިމާޢީ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން