ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަކީ މިޑް ޓާމް އިލެކްޝަނެއް، ނުވަތަ ދައުރުގެ މެދު އިންތިޚާބެއްކަމަށް ސިފަ ކުރަށްވައި އެއިންތިޚާބުން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބެއް ކަމަށާއި އެއީ މީގެ ކުރިން ބޭއްވި އިންތިހާބެއްގައި އެއްވެސް ސަރުކާރަކަށް ލިބިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު އެމްޑީޕީއަށް 49 އިންސައްތަ ވޯޓު ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ގުނި 97 ޕަސެންޓް ވޯޓުން 43 ޕަސެންޓް ގޮނޑި ވަނީ އެމްޑީޕީއަށް ލިބިފައި، މިއީ މިޑްޓާމް އިލެކްޝަނެއްގައި މިހާތަނަށް ސަރުކާރަކަށް ލިބުނު އެންމެ ގިނަ ވޯޓް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި މާލެއިން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުން ތަކެއް ހުރިކަން އިންތިޚާބުގައި ނަތީޖާއިން އެނގިވަޑައިގެންނެވި ކަމަށެވެ. އެ ކަންކަން ރަނގަޅު ކުރަންޖެހޭކަން އެނގިގެން ގޮސްފައިވާ ކަމަށާއި އެކަން ސަރުކާރުން ކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ފެނިގެން ދިޔަ ނަތީޖާއަކީ ކަންތައްތައް ރަނގަޅު ކުރުމަށް މާލޭ ރައްޔިތުން ދިން މެސެޖެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ވަކި ޕާޓީއަކަށް ބެލުމެއްނެތި އަލަށް އިންތިހާބުވި ކައުންސިލްތަކަށް ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާނެ ކަމަށްވެސް ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާއެކު ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނީ ކޮން ކަމެއްތޯ ބަލަން އެބަޖެހޭ ކަމަށެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއާއި ސަރުކާރާއެކުއައި ބަދަލު ބައްލަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް