ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލައިގައި ރައީސް ނަޝީދާ އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި ރައީސް ސާލިހާ ރައީސް ނަޝީދާ ދެމެދު މައްސަލަތަކެއް އުފެދިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު މިއަދު ވިދާޅުވީ ހިޔާލު ތަފާތުވުން ހުއްޓަސް ރައީސް ނަޝީދާ އެމަނިކުފާނާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަަމަށެވެ.

"އަޅުގަނޑުމެން ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުވާ ކަންކަން ހުއްޓަސް، މިޕާޓީއަށް، ގައުމަށް ދެރަވާފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. އެކަމަކު ބައެއް އިޝޫތަކުގައި ހިޔާލު ތަފާތުވުން ހުންނާނެ. ޖުމްލަކޮށް އެމްޑީޕީއަކީ ތަފާތު ވިސްނުމާއި ފިކުރަށް ޖާގަ އޮތް ޕާޓީއެއް. އެމްޑީޕީ ކުރިއަށްދާނީ އެވިސްނުމާއި ފިކުރުގައި. އެކަމަކު ޕާޓީއަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން އެއްވެސް މީހަކު ނުކުރާނެ. މިގައުމަށް ދެރަވާނެކަމެއްވެސް ނުކުރާނެ" ރައީސް ސާލިހު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ވަނީ ރައީސް ސާލިހާ މެދު މައްސަލަތަކެއް އުޅޭކަމަށް ފުރަތަމަ ފަހަރަށް ވިދާޅުވެފައެވެ. އެގޮތުން ވެންޓިލޭޓަރުތަކުގެ މައްސަލަ ނެތްނަމަ ރައީސާމެދު އެއްވެސް މައްސަލައެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން