ޖަލުގައި ހުކުމް ތަންފީޒު ކުރަށްވަމުން ގެންދަވާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ލުޔެއް ދިނުމާއި ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަތް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އަދި އިދިކޮޅު ކޯލިޝަނުން ވެސް އެމަނިކުފާނާ ބައްދަލު ކުރަށްވައި އެކަމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާކަމަށާއި، އެކަމާއިމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ރައީސް ޔާމީން ވިދާޅުވަނީ ތިމަންނާގެ އެއްވެސް ސިއްހީ މައްސަލައެއް ނެތްކަމަށް. އެކަމަކު މެޑަމް ފާތުން އެބައޮތް އެކަމަނާ ފޮނުއްވި ސިޓީފުޅުގައި އެކަން ފާހަގަކޮށްފައި. ޑޮކްޓަރުން ވިދާޅުވަނީ ބޭރަށް ޓެސްޓްތަކެއް ހަދަން ދާން. އެކަމަކު ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ ބޭރަށް ވަޑައިގަންނަވާކަށް. އެއީ ވަރަށް ކުރިން ޑޮކްޓަރުން ދެއްވާފައި އޮތް ރިކޮމެންޑޭޝަނެއް. ވަރަށް އަވަހަށް ގޮތެއް ނިންމާނަން. ދެރަގޮތެއް ނުވާނެ ރައީސް ޔާމީނަކަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރުމާއި ގުޅޭގޮތުން މިދިޔަ ހަފުތާގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ރައީސް ޞާލިހާ ބައްދަލުކުރައްވާފަ އެވެ. އެބައްދަލުވުމަށްފަހު އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް ޔާމީންގެ ގެއަށް ބަދަލުކުރުމުގެ އުއްމީދު ބޮޑު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން