އަހުމަދު މަސްނޫމް   13 އޭޕްރީލު 2021 - 16:24
މިއަހަރުވެސް "އިޙްޔާ ފޯރަމް" ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިޙްޔާ ފޯރަމަކީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމް ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި ކޮންމެ ރޯދަމަހަކު ބާއްވާ ޖަލްސާތަކެކެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިރޯދަމަހު އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެރޭކަމަށެވެ. އެހެންނަމަވެސް ކޯވިޑްގެ ނުރައްކާތެރިކަން އަދި މުޅިން ފިލައިގެންގޮސްފައި ނުވާތީ މި އަހަރުގެ ފޯރަމްތައް ހަމަޖައްސާފައިވަނީ ގިނަބަޔަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ވަކި އަދަދަކަށްް މީހުންނަށް ވަދެވޭ ގޮތަށްކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިއަހަރުވެސް މި ފޯރަމް ޕީއެސްއެމުން ލައިވްކޮށް ދައްކާނެއެވެ.

މި ޕްރޮގްރާމް މިއަހަރު ކުރިއަށްގެންދަނީ ދިވެހި ޢިލްމުވެރިން، ވަކި މަޢުޟޫއަކަށް މަޝްވަރާ ކުރާ ޕެނަލެއްގެ އިތުރުން ޚާއްސަ ޕްރެޒެންޓޭޝަންތަކުގެ އަލީގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާންމަހުގެ ކޮންމެ ހަފްތާއެއްގެ ދެރޭ އޮންނަ އިޙްޔާ ފޯރަމްގައި މަޝްވަރާކުރަން ކަނޑައަޅާފައިވާ މައުޟޫތަކަކީ، ދިވެހި މުޖުތަކަމަޢުގެ ޙާލަތަށް ރިއާޔަތްކުރުމަށްފަހު އެކަށައަޅާ މައުޟޫތަކެއްކަމަށެވެ.

އިޙްޔާ ފޯރަމްތަކުގެ އިތުރުން އަޞުރުނަމާދަށް ފަހު މިސްކިތްތަކުގައި ކުރިޔަށް ގެންދާ ދަރުސްތައްވެސް މިއަހަރު ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން