ގުޅީފަޅުން ގޯތި ދޫކުރުމާއި ގުޅޭގޮތުން މާލޭގެ އިންތިޚާބީ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ދައްކަވާ ވާހަކަ ސަރުކާރުން އިތުރަށް ދެނެގަންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.

މިހަފުތާގައި ނޫސްވެރިންނާ ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ކުރީގެ ސަރުކާރުން ގުޅީފަޅުން ރައްޔިތުންނަށް ދީފައި ހުރި ފުލެޓްތަކުން މީހުން ނެރެފައިވަނީ ޑރ. މުޢިއްޒު އިސްކޮށް ހުންނަވައިގެން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ގުޅީފަޅުން މީހުން ބާލައި، އެމީހުންނަށް ހުޅުމާލެއިން ބަދަލު ދިންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިހާރުވެސް ބަދަލު ނުދެވޭ ބައެއް ތިބިކަންވެސް ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

"ގުޅީފަޅުގައި ދީފައި ހުރި ފްލެޓްތަކާ ގޯތިތަކުން މީހުން ނެރުނީ. ރައީސް ޔާމީންގެ ވެރިކަމުގަ. ގަދަކަމުން ބޭލީ އެތަނަށް ފުލުހުން ފޮނުވައިގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ޑރ. މުއިއްޒުގެ ވަޒީރު ކަމުގައި ގުޅީފަޅުން މީހުން ބާލާފައިވާއިރު އެތަނުން ގޯތި ދޫކުރުމާއި ގުޅޭގޮޮތުން މުއިއްޒު ދެއްކެވި ވާހަކަތައް ދެނެގަންނަންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މުއިއްޒު ސަރުކާރުގައި ހުންނެވި އިރު، ގުޅީފަޅުގައި މީހުން ދިރިއުޅެން އެތަން ތައްޔާރު ކުރަން އެ ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް އެއާ ހިލާފަށް މި ސަރުކާރުން މަސައްކަތް ކުރަނީ، ގުޅީފަޅުގައި ސިނާއީ މަސައްކަތްތަކާއެކު، އޭގެ އިތުރުންވެސް އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ސިނަމާލެ ފްލެޓްތައް ތަޅާލުމަށްފަހު އާ ފްލެޓްތަކެއް އަޅަން ސަރުކާރުން ވިސްނާކަމަށެވެ. މާލޭގައި ހުރި ލޭބާ ކުއާޓަށް ވެސް ތަޅާލުމަށްފަހު އެތަންތަނުގައި ވެސް ރަނގަޅު ފެންވަރުގެ ފްލެޓް އަޅަން ވިސްނަވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އެހެން ހުރި ބައެއް ކޮށިތަކެއް އެބަހުރި ބޯހިޔާވަހިކަމަށް ބަދަލުކުރެވިދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން