ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް (އޭ.އެމް.ޕީ) ގެ ފަރާތުން ކޮންމެ އަހަރަކު ދޭ "އޮނަރަބަލް އެވޯޑް" ހުޅުމާލެ މާސްޓަރ ޕްލޭނަށް ލިބިއްޖެއެވެ.

ހުޅުމާލެ މާސްޓަރ ޕްލޭނަށް ލިބިފައިވަނީ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް (އޭ.އެމް.ޕީ) ގެ ފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗަރ ދާއިރާއިން ދެމުން ގެންދާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒްގެ އޮނޮރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަރ / އަރބަން ޕްލޭނިންގެ އެވޯޑްއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗަރ އަދި އަރބަން ޕްލޭނިން ރޮނގުން ފާހަގަކުރެވޭ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ މަޝްރޫއުތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެއްކަން ފާހަގަކޮށްފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން ހުޅުލެ ސަރައްހަދުގައި ހިމެނޭ ފަޅު ހިއްކައިގެން ސަހަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އޮކްޓޫބަރު 16، 1997 ގައެވެ. ހުޅުމާލެއަކީ މުޅި ރާއްޖޭގައި ވެސް އާބަން ސިޓީއެއްގައި ހުންނާނެ ކުލަވަރު ޖެހިފައިވާ ހަމައެކަނި ރަށެވެ. އެތައް ފަންތިއަކަަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ ޕްރޮޖެކްޓްތަކެއް މިހާރު މި ރަށުގައި ދަނީ ހިންގަމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކާ، މީހުން އާބާދުކޮށްފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލެ އިތުރަށް ހިއްކާ، އިތުރު ފަރާތްތަކަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. ބޯހިޔާވަހިކަމުގެ އިތުރުން ތަރައްގީގެ އެކިއެކި މަޝްރޫއުތައް ވެސް ހުޅުމާލޭގައި މިހާރުވެސް ކުރިއަށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން