އަހުމަދު މަސްނޫމް   15 އޭޕްރީލު 2021 - 17:34
މީގެކުރިން ބޭއްވި ކައުންސިލް އިންތިޚާބަށްފަހު އިންތިޚާބުވި ކައުންސިލަރުން ހުވާކުރަނީ
މީގެކުރިން ބޭއްވި ކައުންސިލް އިންތިޚާބަށްފަހު އިންތިޚާބުވި ކައުންސިލަރުން ހުވާކުރަނީ
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާ ކުރުން އޮންނާނީ ރޯދަމަހަށްފަހުކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އެލްޖީއޭއިން ބުނީ އަންނަމަހުގެ 18 ވަނަ ދުވަހު ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ނަމަވެސް އެއީ އަދި ޔަގީން ތާރީހެއް ނޫންކަމަށް އެލްޖީއޭއިން ބުނެފައި ވެއެވެ.

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނެ ދުވަހެއް އަދި ނޭނގެއެވެ. އެއީކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތައް ގިނަ ކަމުންނެވެ.

އާ ކައުންސިލަރުން ރޯދައަށްފަހު ހުވާކުރަން ތައްޔާރުވެފައިވާއިރު، މިހާރު ތިބި ކަައުންސިލަރުންގެ މަގާމު ހަމަވާނީ އާ ކައުންސިލަރުން ހުވާކުރުމުންނެވެ. މިހާރު ދައުރު ނިމިފައި ތިބި ކައުންސިލަރުންގެ ދައުރު އާ ކައުންސިލަރުން ހުވާ ކުރުމާ ހަމައަށް ދަންމާލީ ވަގުތީ ގާނޫނަކުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ގިނަ ގޮނޑި އެމްޑީޕީއަށް ލިބުނަސް، އެޕާޓީއަށް ވަނީ ބޮޑެތި ދާއިރާތަކެއް ގެއްލިފައެވެ. އަނެއްކޮޅުން އިދިކޮޅު ޕީޕީއެމުން ގަބޫލުކުރަނީ މި އިންތިހާބުގައި އިދިކޮޅަށް ބޮޑު ކާމިޔާބީއެއް ލިބުނުކަމަށެވެ. އެގޮތުން އެމްޑީޕީން މިހާތަނަށް ކޮންޓްރޯލްކޮށް ސުޕަރ މެޖޯރިޓީ ދެމެހެއްޓި މާލޭ ސިޓީގެ މޭޔަރުގެ ގޮނޑިއާއި ކައުންސިލަރުންގެ ގިނަ ގިނޑިތަކެއް ވަނީ ގެއްލިފައެވެ.

އެމްޑީޕީން މި އިންތިޚާބަށް ނުކުތީ ހާހަކަށްވުރެ ގިނަ ގޮނޑި ނަގައިގެން އިދިކޮޅު ފަރާތްތައް ތިންބަލި ކުރާނެ ކަމަށް ބުނެއެވެ. މިހާރުގެ ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރި ނަމަވެސް ސަރުކާރުގެ ހުރިހާ ވަސީލަތްތަކާއި ބާރުތަކެއް ބޭނުން ކޮށްފައިވަނީ ސަރުކާރުގައި 40 އިންސައްތަ ހިއްސާވާ ކަމަށް ބުނާ އެމްޑީޕީގެ ކެމްޕޭންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން