މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ރޭ މާލެ ގެނެސްފައިވަނީ އެމަނިކުފާނުގެ ޢާއިލާއަށާއި ވަކީލުންނަށްވެސް ނާންގައި ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު ވިދާޅުވީ ރައީސް ޔާމީނާ ހަމައިން، މި ސަރުކާރުން ޢަމަލުކުރަނީ ލާއިންސާނީ ގޮތެއްގައި ޤާނޫނާ ޚިލާފަށް ކަމަށެވެ. ކުއްލި ގޮތަކަށް ރައީސް ޔާމީން ރޭ މާލެއަށް ގެނައިރު އެމަނިކުފާނުގެ ޢާއިލާއަށާއި ވަކީލުންނަށް އެމަނިކުފާނު މާލެއަށް ގެންނަކަން އަންގާފައިނުވަނީ ކީއްވެތޯވެސް ޑރ. ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ.

"މިމާތް މައްސަރު ރައީސް ޔާމިން އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ ކަންތައްކުރި އިހާނެތިގޮތް ކުށްވެރިކޮށް ރައްކާތެރިކަން ކަށަވަރު ކުރަން ގޮވާލަން." ޑރ. ޖަމީލް ވިދާޅުވިއެވެ.



ރައީސް ޔާމިން ރޭ މާލެ ގެނެސްފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކޮވިޑް ވެކްސިން ޖެެއްސެވުމަށް ކަމަށް ކޮރެކްޝަން ސާވިސްއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މާލެ ގެނައި ފަހުން ރައީސް ޔާމިން ވެކްސިން ޖެއްސެވުމަށް އިންކާރު ކުރެއްވުމުން ކަރެކްޝަން އިން ވަނީ އެމަނިކުފާނު މާފުށީ ޖަލަށް ގެންގޮސްފައެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުން އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއަކުން އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޞާލިޙުވެސް ދާދިފަހުން ވިދާޅުވެފައި ވެއެވެ. އަދި އިދިކޮޅު އިއްތިހާދުގެ އިސްވެރިންވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް ޞާލިޙާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އެކަމުގައި ރައީސް ޞާލިޙު ވިދާޅުވީ ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށާއި، އެމަނިކުފާނު ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ވެސް ސަރުކާރުން އެކަމަށް ވަކިގޮތެއް ނުނިއްމައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން