މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
ކުރެހުމާއި، އެއާއި ގުޅުންހުރި ދާއިރާތައް ތަރައްޤީ ކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ކުރެހުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ކުރެހުމާއި، އެއާއި ގުޅުންހުރި ދާއިރާތައް ތަރައްޤީ ކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ނޭޝަނަލް އާޓް ގެލެރީ ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ދިވެހި ކުރެހުންތެރީންނަށް އެކިއެކި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކުރުމަށް ވެސް މަސައްކަތްކުރަމުންދާ ކަމަށް ޔުމްނާގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ފަންނުވެރިކަން ކުރިއެރުވުމަށް މަރުކަޒުތަކެއް ޤާއިމް ކުރުމުގެ މަސައްކަތް ރޭވިފައިވާއިރު، އެ މަރުކަޒުތައް މެދުވެރިކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުނަރުވެރި ކުރެހުންތެރިން ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

"ކުރެހުންތެރިންނާއި އެހެނިހެން ފަންނާނުންނަށް ލިބުން މުހިންމު އެކިއެކި ޙައްޤުތަކާއި، ލިބުން ޙައްޤު އިޚުތިރާމާއި ޙައިސިއްޔަތު ހޯދައިދިނުމަށް ފަންނުވެރިންގެ ޙައްޤުތަކުގެ ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ގާނޫނާއެކު ކުރެހުންތެރިންނަށާއި އެހެނިހެން ފަންނާނުންނަށް އިތުރު ފުރުޞަތުތައް ލިބި، އާމްދަނީ ހޯދުމުގައްޔާއި، ފިކުރީ މުދާ ރައްކާތެރިކުރުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ." މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ މި ދުވަސް ފާހަގަކުރަނީ މުޖުތަމަޢު އާއި ކުރެހުމާއި ހުރި ގުޅުން ފާހަގަކޮށް، ކުރެހުން މެދުވެރިކޮށް ފާޅުކުރެވޭ ޚިޔާލުތަކުގެ ސިންދަފާތުކަން ބަލައިގަނެ، ދެމެހެއްޓެނިވި ތަރައްޤީގައި ކުރެހުންތެރިން އަދާކުރާ މުހިންމު ރޯލު ފާހަގަކުރުމަށް ކަމަށެވެ. ހަމަ މިއާއިއެކު މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ބޮޑުވަމުން އަންނަ ކުދީންގެ ތަފާތުތައް ދެނެގަނެ، އެކުދިންގެ ޝުޢޫރުތައް ފާޅުކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކުރެހުން ބޭނުން ކުރުމަށް ސްކޫލް ދައުރުން ފެށިގެން އެ ކުދީންނަށް އެހީވުމުގެ މުހިއްމުކަން ފާހަގަކުރުން ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެހުންތެރިންނަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެން ނަމަވެސް ކުރެހުންތެރިންގެ ހިތްގައިމު ކުރެހުންތައް ވެގެންދިޔައީ ހިތްތަކަށް ހަމަޖެހުން ގެނެސްދިން ފަރުވާއަކަށް ކަމަށް ޔުމްނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން