2022 އިިން 2024 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކުރިއަށްއޮތް 3 އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެއްކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ސާކިއުލާގައި ބުނީ ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި އޮންނާނީ ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް (ނިއު ޕޮލިސީ އިނިޝިއޭޓިވްސް) އެކުލަވާލައި މިނިސްޓްރީއަށް ހުށަހެޅުންކަމަށެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާނީ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އައު ކަންތައްތަކާއި ބަޖެޓުން އިތުރަށް ޖާގަ ބޭނުންވާތީ ހުށަހަޅާ ކަންތައްތަކެވެ. މިގޮތުން ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާ ކަންކަން ބަޖެޓުގައި ހިމެނުމާމެދު ގޮތެއް ނިންމާނީ މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިސަރކިއުލަރގައި ކަނޑައެޅިފައިވާ ސީލިންގއަކީ ހުށަހަޅާ ކަންތައްތައް ވަކި މިންވަރަކަށް، އަދި އިސްކަންދޭ ތަރުތީބަކުން ހުށަހެޅުމަށްޓަކައި ދީފައިވާ ސީލިންގއެއްކަމަށެވެ. ނިއު ޕޮލިސީ އިނިޝިއޭޓިވްސް ސީލިންގ ކަނޑައެޅިފައިވަނީ މެދުރާސްތާގެ ބަޖެޓުގައި އައު ހަރަކާތްތަކަށާއި މަޝްރޫޢުތަކަށް ޖާގަ ދެވޭނެ ޖުމުލަ މިންވަރަށް ބަލައިގެން، އޮފީސްތަކަށް ބަހާލައިގެނެވެ.

މި ސީލިންގ އަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި އެ އޮފީހަކަށް ހިމެނިފައިވާ އަދަދެއް ނޫނެވެ. ނަމަވެސް، ހުށަހަޅާ ކަންތައްތަކުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ނިންމާ ކަންތައްތަކުގެ ބަޖެޓު، ބަޖެޓު ފައިނަލްކުރުމުގެ މަރުހަލާގައި، އޮފީސްތަކުގެ ބޭސްލައިން ބަޖެޓަށް އިތުރުކުރެވޭނެކަމަަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. މިގޮތުން، ދައުލަތުގެ އޮފީސްތަކުން ނިއު ޕޮލިސީ އިނީޝިއޭޓިވްސް ހުށަހަޅާނީ މެދުރާސްތާ (2022 އިން 2024) އަށެވެ. ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި، ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސް.އޭ.ޕީ އަދި އެން.އާރް.އާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެއެވެ.

2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހަޅަން އަންގާފައިވަނީ އައިލްސް ވެބްސައިޓް މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ މުހިއްމު އެއް ބަޔަކީ ޚަރަދުތައް ހަމަޖެއްސުމަށާއި އާމްދަނީގެ ޕޮލިސީ މެދުވެރިކޮށް ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރުމަށް ހުށަހަޅާ ކަންތައްތަކެވެ. މިގޮތުން މަސްއޫލުވެ ޒިންމާވާ އޮފީހުގެ ދާއިރާގެ ތެރެއިން، މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި އާމްދަނީގެ ޕޮލިސީއަށް ގެންނަން ހުށަހަޅާ ބަދަލުތައް ދެނެގަނެ، މި ފަދަ ގޮތްތައް އެމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ފިންނޭންސުން އެދިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އެންމެހައި އޮފީސްތަކުން މި ސަރކިއުލަރގައި ހިމެނޭ އެނެކްސްތަކުގައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، 2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަދި އާމްދަނީ އިތުރުކުރުމަށް ހެދިދާނެ ގޮތްތައް 30 ޖޫން 2011 ގެ ކުރިން ހުށަހެޅުމަށް އަންގާފައެވެ.

މީގެ އިތުރުން ބަޖެޓު ތައްޔާރުކުރުމުގެ އެހެން މަރުހަލާތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ދައުލަތުގެ ބަޖެޓުން 2021 ވަނަ އަހަރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން، އައިލްސް ޕޯޓަލް އާއި ބަނޑޭރި ޕީ.އެސް.އައި.ޕީ ޕޯޓަލުގައި މައުލޫމާތު ފުރިހަމަ ނުކުރައްވައި ހުރި މަޝްރޫޢުތަކުގެ މައުލޫމާތު 15 މޭ 2021 ގެ ކުރިން ފުރިހަމަކުރެއްވުމަށްވެސް ވަނީ އޮފީސްތަކަށް އަންގާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނޫގައި ބަޔާންކޮށްފައިވާ ލޯކަލް ކައުންސިލްތައް މި ސަރކިއުލަރއަށް ޢަމަލުކުރަން ނުޖެހޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން