މިޔަރުގެ މަސްވެރިކަން ކުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދޯންޏެއް
މިޔަރުގެ މަސްވެރިކަން ކުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދޯންޏެއް
މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު އެންވަޔަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ދީފިއެވެ.

އީޕީއޭއިން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާ ކަމުގެ ޝަކުވާ އީޕީއޭ އަށް ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން، އަރިއަތޮޅުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވައިދުގެ ދަށުން ބޭނުން މަނާކުރެވިފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާ އާލާތްތަކާއި ބާނާފައިހުރި މަހުގެ ބާވަތްތައް ފެނިފައިވާކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ.

އަދި މިފަދަ ސަރަހައްދުތަކަކީ އެސަރަހައްދުތަކުގެ ދިރުންތަކާއި މާހައުލަތައް ރައްކާތެރިކުރުމާއެކު އެސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރިކުރަންޖެހޭ ސަރަހައްދުތަކެއްކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އަދި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ހިމާޔަތްކުރެވިފަިއވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ އާންމު ގަވައިދުގެ ދަށުން މަނާކުރެވިފައިވާ ބާވަތްތައް ހިފަމުންދާތީ، އީޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



އީޕީއޭ އިން ބުނީ މިސަރަހައްދުތައް ހިމާޔަތްކޮށް ބެހެއްޓުމީ ރާއްޖޭގެ އިގްތިޞާދަށާއި ތިމާވެށްޓަށް ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެއްކަމަށާއި، އަދި އެއާއެކު މި ސަރަހައްދުތަކުގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް އޮންނާނީ ގާނޫނަށް ބަރޯސާވެ ކަނޑައަޅާފައިކަމަށެވެ.

ހަަމައެއާއެކު، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށްވަދެ، މިޔަރު ބާނާކަމުގެ ޝަކުވާއާއި ރިޕޯޓުތައް އަންނަނީ ލިބެމުންކަމަށާއި، މިހުރިހާ ސަބަބުތަކާހުރެ، ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުނާމެދު ތިމާވެށީގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން