އަހުމަދު މަސްނޫމް   16 އޭޕްރީލު 2021 - 15:46
3 ވޯޓު ފޮށްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް ފަހު، އަލުން ވޯޓު ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީއާއެކު އީސީން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ތިން ވޯޓު ފޮއްޓެއްގެ 3 ވަނަ ސެކިއުރިޓީ އުރަ ކެނޑުމާ ގުޅޭ ގޮތުންނެވެ. އެއީ ކޭޓީ-3 ގެ މ. މުލައް ދާއިރާ އާއި އެލްޓީ-2ގެ ފ. ނިލަންދޫ ދާއިރާ އާއި ވައިޓީ-21 ގެ މ. މުލި ދާއިރާއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މި ތިން ފޮށި ގުނާނެ ގަޑިއެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް މިރޭ ގުނާނެ ކަމަށެވެ. އަދި މި ފޮށިިތަކުގެ ނަތީޖާ ކަނޑައެޅުމުން އަންނަ ހޮނިހިރު ދުވަހު އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓުގެ ނަތީޖާ ކަނޑައަޅަން 18 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމިނަމަވެސް، އެހެން ގޮތްތަކަށް އެ ފޮށިތަކުގެ ނަތީޖާ ބެލުމަށް ފަހު، ނަތީޖާ މިހާރު އިއުލާންކުރެވިފައިވާ ކަމަށް އިލެކްޝަންސް އިން ވިދާޅުވިއެވެ.

އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގައި ރޭ މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ވޯޓު ގުނުމުގަ އާއި ވޯޓު ބާތިލް ކުރުމުގައި އެކި އޮފިޝަލުން އަމަލުކުރަމުން ދިޔަ ގޮތުގެ މައްސަލަ ހިމެނެއެވެ. އަދި އިންތިހާބާ ގުޅިގެން ހުށަހަޅާފައިވާ އެކި ޝަކުވާތަކާއި ގުޅިގެން މަޝްވަރާކުރަން އަންނަ ހޮނިހިރު ދުވަހު ގައުމީ ލަފާދޭ ކޮމިޓީއާއެކު އިތުރު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަމަށް ވެސް އީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން