ހުޅުމާލެ މަތިން ފެންނަ ފޮޓޯއެއް؛ ހުޅުމާލޭގައި އަންނަނީ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން
ހުޅުމާލެ މަތިން ފެންނަ ފޮޓޯއެއް؛ ހުޅުމާލޭގައި އަންނަނީ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކޮށް ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީން ވާދަކުރަން ނޫޅޭނެ ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލިގެންދިޔުމާއި ގުޅިގެން އެކަމަށް އިޝާރަތްކުރައްވައި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، މާލޭ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެކަން ހައްލު ނުކޮށް ކުރިއަށްއޮތް އިންތިޚާބުތަކުގައި ވާދަކުރަން އެމްޑީޕީން ނޫޅޭ ކަމަށެވެ. މާލެ ސިޓީގެ ބޯހިޔާވަހި ކަމުގެ މައްސަލައަކީ ވޭތުވެދިޔަ 37 އަހަރުގެ ދިގު މާޒީގައި ހައްލު ނުވެ އޮތް ބޮޑު މައްސަލައެއްކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ މާލެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް މިހާތަނަށްވެސް ހައްލެއް ލިބިފައިނުވާއިރު ރައީސް ޔާމިންގެ ސަރުކާރުން މަސައްކަތް ކުރީ މާލެއަށް މީހުން ޖަމާކުރުމަށް ކަމަށެވެ.

"ކުރިއަށް އޮތް އިންތިޚާބަށް ދާން ވާއިރަށް ދިވެހި ރައްޔިތުން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރާނަން، މާލޭގެ ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަން އެކަން ހަމަގައިމުވެސް ދެން ނުކޮށެއް ކުރިއަށް އޮތް އިންތިޚާބުތަކުގައި ވާދަކުރާކަން ނޫޅޭނެ. އަޅުގަނޑުމެން އެކަން ހައްލުކުރާނަން." އާޒިމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ރައީސް ސާލިހްގެ ސަރުކާރުގެ ވަރަށް މުހިންމު ވައުދެކެވެ. ދާދިފަހުން ރައީސް ސާލިހް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަމާޒަކީ މިދައުރު ތެރޭގައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 13000 ހައުސިން ޔުނިޓް އެޅުން ކަމަށެވެ.

"މާލޭގެ ހާސްކަމަށް ލުއި ހޯދުމަށް މިއަހަރު އެކަނިވެސް 5،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެ. އަޅުގަނޑުމެން އަމާޒު ހިފައިގެން މިތިބީ މި އަދަދު 13،000 ޔުނިޓަށް އިތުރު ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ ހައުސިން މަޝްރޫއުތަކެއް ފަށާފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އަތޮޅުތަކުގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ބަޖެޓު ކުުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން