އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެ އިންތިޚާބުވާނެކަމުގެ ޔަޤީންކަން ވަރަށް ބޮޑުކަމަށް، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަރާތުން އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާ އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ "ވިއޯން" ނިއުސްއަށް ދެއްވި އިންޓަރވިއެއްގައެވެ.

ޝާހިދު ވިދާޅުވީ ކުރީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅުން ކެނޑިފައިކަމަށެވެ. އެގޮތުން ކޮމަންވެލްތުންވެސް ރާއްޖެ ވަކިވެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ޞާލިހުގެ އެންމެ ބޮޑު އަމާޒަކަށްވީ ހީނަރުވެފައިވާ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުންކަމަށެވެ. އަދި އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ވާދަކުރުމަށް ނިންމީ އެސަބަބަށްޓަކައިކަމަށާއި، ރާއްޖޭގެ ފަރާތުން އެމަޤާމަށް ވާދަކުރައްވާ ބޭފުޅަކަށްވާތީ ފަޚްރުވެރިވެ ވަޑައިގަންނަވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



ޝާހިދުގެ ވާހަކައިގައި އިންޑިއާފަދަ ޤައުމުތަކުން މިއިންތިޚާބުގައި ރާއްޖެއަށް ތާއީދުކުރުމަށް ނިންމުމަކީ އުފަލެއްކަމަށެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގެ އޮފިޝަލުންނާއި ބައްދަލުކުރަށްވައިފިކަމަށާއި، އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވުމުގެ ޔަޤީންކަން ބޮޑުކަމަށް ޝާހިދު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއީ ރަސޫލުވެސް ވާދަކުރައްވައެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން