ގިސާސް ހިފުމާއި ގުޅޭގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ދެއްކި ވާހަކަ އަމާޒުކުރީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމަށްބުނެ އޭނާގެ ދިފާއުގައި އެމްޑީޕީން ތެދުވެއްޖެއެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ވާހަކަ އަމާޒުކުރެއްވީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމަށެވެ. އެއާއި ޚިލާފަށް ވައްޑެގެ ވާހަކަ އަމާޒުކުރެއްވީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަށް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ، ވައްޑެގެ މި ވާހަކަ ގަސްދުގައި އޮޅުވައިލުމަށް ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންގެ އިތުރުން ބައެއް މީޑިއާތަކުން މަސައްކަތްކުރާކަމަށެވެ. އަދި އެކަން ފިތުނައަކަށް ވާގޮތަށް ހަދައިގެން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަމަށްވެސް ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ، މިފަދަ މައްސަލަތައް ވަގުތުން ތަހުގީގުކޮށް، ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

މީގެ ކުރިން އުނގޫފާރު ދާއިރާ ތަމްސީލުކުރެއްވި ދީނީ ޢިލްމުވެރިއާ ޑރ. އަފްރާޝީމް ޢަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައެވެ. އޭނާ އަވަހާރަކޮށްލީ އޭނާ މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި ހައްދު ފަހަަނައެޅި ބަޔެއް ކަމަށް މަރުކޮމިޝަނުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކޮށް މަރުގެ ހުކުމް ތަންފީޒުކުރަން މަސައްކަތް ކޮށްފައިވާތީ، އެއީ "ސިކު" މީހުން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ދީނީ އިލްމްވެރިންނާއި ގިނަ ބައެއްގެ ފާޑުކިޔުން ވައްޑެއަށް ވަނީ އަމާޒުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން