"ހަވީރު" ނޫހުގެ ޗެއާމަންގެ އިތުރުން ސަރުކާރުގެ އެތައް އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަދި ގައުމީ ޔުނިވަސިޓީ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވެއްޖެއެވެ.

ނާއިލާ އަވަހާރަވީ ވަރަށް ގިނަ ދުވަސްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލްގައެވެ. ނާއިލާއަކީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނު (ޑީއައިކޭ) ގެ ދަރިކަނބަލެކެވެ.

ނާއިލާއަކީ ވަރަށްގިނަ މީހުންނަށް ތަޢުލީމު އުނގަންނައި ދެއްވި ހިދުމަތްތެރި ޓީޗަރެއްކަން ފާހަގަކޮށްލެވެއެވެ. އޭނާ އުނގަންނައިދެއްވި ބޭފުޅުން މިއަދު އެކިއެކި ދާއިރާތަކުގެ އިސް ސަފުގައި އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ސިޔާސީ ދާއިރާއާއި ތައުލީމީ ދާއިރާވެސް ހިމެނެއެވެ.

ނާއިލާ އަކީ އަމީނިއްޔާ ސްކޫލްގައި އިނގިރޭސިއާއި ހިސްޓްރީ ކިޔަވައި ދެއްްވެވި ވަރަށް މަޝްހޫރު ޓީޗަރެކެވެ. ގާތްގަނޑަކަށް 25 އަހަރު ދުވަހު ކިޔަވައިދެއްވުމުގައި ހޭދަކުރެއްވިއެވެ. "ޒީނާރު" ގެ ނަމުގައި މުޅި ރާއްޖޭގައި މަޝްހޫރުކަން ހޯދި ރެސިޕީ ފޮތްތަކެއް ލިޔުއްވައި ގިނަ ބަޔެއްގެ މަގުބޫލް ކަން ނާއިލާ ވަނީ ހޯއްދަވާފައެވެ.

ނާއިލާގެ ފަރާތުން އުނގެނިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފާތުމަތު ފަޒްނާ އަހުމަދު ހިމެނިވަޑައިގަންނަވައެވެ. އެކަމަނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނާއިލާ އަވަހާރަވި ހަބަރު ލިބިވަޑައިގަތުމުން "ބަސް ހުއްޓިފައިވާ" ކަމަށެވެ. އޭގެ ފަހުގައި އެކަމަނާ ވަނީ އެންމެ ފަހުން ނާއިލާއާ ބައްދަލު ކުރެއްވި ދުވަހު ނަންގަވާފައިވާ ފޮޓޯތަކެއް ހިއްސާ ކުރައްވައިފައެވެ.

"ނާއިލާ މިސް" ގެ ނަމުން މުހާތަބް ކުރައްވައި ފަޒްނާ ވަނީ ނާއިލާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވުމަށް އެދިވަޑައިގެން ދުއާކުރަށްވައިފައެވެ.

ނާއިލާ އަވަހާރަވިއިރު ފިރިކަލުންނާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ. އޭނާގެ ދަރިންގެ ތެރެއިން ލުބުނާ ޒާހިރު ހުސައިން ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރު ކަމާއި ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފަ އެވެ. ލީނާ ޒާހިރު ހުސައިން ވަނީ މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވާފަ އެވެ. ވާއިލް ޒާހިރު ހުސައިން މަސައްކަތް ކުރައްވަނީ އަމިއްލަ ވިޔަފާރީގައެވެ.

ނާއިލާގެ މައްޗަށް ކަށުނަމާދުކުރުމާއި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން