އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ އިތުރުކޮށްދިނުމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ، ހިންދުސްތާން ޓައިމްސްގައި ބުނީ ރާއްޖެ އެތެރެކުރާ އަސާސީ ބާވަތްތަކުގެ ކޯޓާ އިތުރުކޮށްދިނުމަށް މިނިސްޓަރ އަބްދުﷲ ޝާހިދު އެދިވަޑައިގެންފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބުރަހްމަންޔަމް ޖައިޝަންކަރާއެކު ހުކުރު ދުވަހު ކުރިޔަށް ގެންދެވި ބައްދަލުވުމުގައި ކަމަށެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖެ އެތެރެކުރާ އަސާސީ ބާވަތްތަކުގެ ކޯޓާ އިތުރުކޮށްދިނުމަށް އެ ޤައުމުގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިންގ ޓްރޭޑް (ޑީޖީއެފްޓީ) ގައި ދެންނެވުމަށް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުވުމުގައި އެދިވަޑައިގެންފައިކަމަށް އެ ނޫހުގައި ބުނެފައިވެއެެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުވެސް މިނިސްޓަރ ޝާހިދާއި ޑރ. ޖައިޝަންކަރާ ދެމެދު ކުރެވުނު މަޝްވަރާތަކާއެކު ފިޔާ، އަލުވި، ހަނޑޫ، ގޮދަންފުށް، މުގު އަދި ބިސް ފަދަ ތަކެތީގެ ކޯޓާ އެގައުމުން ރާއްޖެއަށް އިތުރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު 1981 ވަނަ އަހަރު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާބެހޭ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ކާޑުގެ ބާވަތްތައް ރާއްޖެއަށް އިންޑިއާއިން އެތެރެކުރެވެއެވެ.

މިހާރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރައްޖޭގެ ޚާރިޖީ ވަޒީރު މިފަހަރު އިންޑިއާއަށް ވަޑައިގެންނެވި ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިދަތުރުފުޅުގައި މިހާތަނަށް ފާހަގަކޮށްލެވޭ ފަދަ އާދަޔާޚިލާފު ބޮޑުކަމެއް ހިނގާދިޔަ ކަމަކަށް މީޑިއާއަކަށްވެސް ތިލަވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން