ކޯވިޑާއި ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ދެއްވާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 394.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް 21761 މީހަކަށް ދޫކޮށްފައިވާކަމަށެވެ. އަދި އެފަރާތްތަކަށް ދޫކުރި އެލަވަންސްގެ ޖުމްލަ 394.4 މިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސުން ބުނެއެވެ.

މިދިޔަ އަހަރުގެ މޭމަހު ދޫކުރަންފެށި އިންކަމް ސަޕޯޓް އެލަވަންސް ދެނީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، ވިޔަފާރިތައް ހުއްޓި ޢާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށެވެ. 3 ބުރަކަށް ބަހާލައިގެން މިއެލަވަންސް ދީފައިވާއިރު، ފުރަތަމަ ބުރުގައި އެލަވަންސް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް، މޭ އަދި ޖޫން މަހަށެވެ. 2 ވަނަ ބުރުގައި އެލަވަންސް ދޫކޮށްފައިވަނީ ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު މަހުއެވެ. އަދި 3 ވަނަ ބުރުގައި އެލަވަންސް ދޫކުރަނީ އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރު މަހަށެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއިއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންވެސް ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން