އިންޓަނެޓްގެ އަގުހެޔޮކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުންވެސް، އިންޓަނެޓްގެ އަގުހެޔޮނުކޮށް އޮތީ ސަރުކާރަށް އެކަން ކުރަން ނުކެރިގެންކަމަށް އެމަސައްކަތާއި ކުރިން ހަވާލުވެވަޑައިގެން ހުންނެވި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ އިންޓަނެޓްގެ އަގުހެޔޮކުރުމާއި ގުޅޭ ޒުވާބެއް ސޯޝަލް މީޑިއާގައި ފެށިފައިވާ ދަނޑިވަޅެއްގައެވެ. މަލީހު ވަޒީރުކަމުން ވަކިކުރި ފަހުން އެމްޑީޕީގެ މަޖިލިސް މެންބަރުން އެވާހަކަ ނުދައްކަވާ ތިއްބަވަނިކޮށް އަލުން އެވާހަކަ ފެއްޓެވީ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހެވެ.

މަލީހު ވިދާޅުވީ އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ މަސައްކަތެއް އޭނާގެ ވަޒީރުކަމުގައި ބާރުދުވެލީގައި ކުރިއަށްގެންދިޔަކަމަށެވެ. އެގޮތުން ކުރި މަސައްކަތުން އިންޓަނެޓްގެ އަގުހެޔޮކުރުމަށް ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ފަރާތްތަކުން އެއްބަސްވިކަމަށް ވެސް މަލީހު ވިދާޅުވިއެވެ. މީގެއިތުރުން އިންޓަނެޓްގެ އަގުހެޔޮކުރުމާއި ގުޅޭ މަސައްކަތްތައް ނިންމައި 19 ޖޫން 2019ގައި ރައީީސް އޮފީހަށް ފޮނުއްވީމާ އެކަން ކުރަން ސަރުކާރަށް ނުކެރުނުކަމަށް މަލީހު ވިދާޅުވިއެވެ. މަލީހު ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތްކަމަށެވެ. އަދި އެއީ އޭނާއަކީ އެމްޑީޕީގެ ވަޒީރަކަށް ނުވުމުންކަމަށްވެސް ވެދާނެކަމުގައި މަލީހު ވިދާޅުވިއެވެ.

"އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 19 ޖޫން 2019 (ވެރިކަމަށް 6 މަހު) ގައި ރައީސް އޮފީހަށް ފޮނުވީމަ އެކަން ކުރަން ނުކެރުނު. އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް. އޮޕަރޭޓަރުން އެއްބަސް ކުރުވިން. އެމްޑީޕީ ވަޒީރަކަށް ނުވީމަ ނުކުރީ؟" މަލީހު ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގުހެޔޮކުރުމާއި ގުޅޭގޮތުން ޒުވާބެއް އުފެދިގެން މިއުޅެނީ އިންޓަނެޓްގެ އަގުހެޔޮކުރުމަށް ރައީސް ސާލިހު ވެވަަޑައިގެންފައިވާ ވައުދު ފުއްދިއްޖެކަމަށް ޓެކްނޮލޮޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހު ވިދާޅުވުމާއި ގުޅިގެނެވެ. އޭނާ އެހެން ވިދާޅުވުމުން ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން، ޓެކްނޮލޮޖީ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ނުސީދާކޮށް އެކަމަށް ރައްދު ދެއްވާފައެވެ. ފައްޔާޒު ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކޮންމެވެސް ވަރަކަށް އިންޓަނެޓްގެ އަގުހެޔޮކުރިޔަސް، ސަރުކާރުން ބޭނުންވާ ވަރަށް އިންޓަނެޓްގެ އަގު ތިރި ނުވާކަމަށެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައި އިންޓަނެޓްގެ އަގު ފާހަގަވާ މިންވަރަކަށް ތިރި ކުރެވޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން