މަރުގެ ހުކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުން ބޮޑުކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ މަރަށް މަރު ހިފުމަށް ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތްކޮށްފައިވާކަމަށާއި، އަދި އެއީ "ސިކު" ނުވަތަ ސިކުނޑީގައި އުނިކަމެއް ހުރިބަޔަކު ހިންގަން އުޅުނު އަމަލެއްކަމަށް ސިފާވާ ގޮތަށް މެމްބަރު ވަހީދު (ވައްޑެ) ވާހާކަދައްކާފައިވަނިކޮށެވެ.

ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤިޞާޞް ހިފުމާ ގުޅޭގޮތުން މެމްބަރު ވަހީދު ދެއްކެވީ ޖާހިލް ވާހަކަތަކެއްކަމަށެވެ. އަދި މަރަށް މަރުހިފުމަކީ އިސްލާމްދީނުގެ އިތުރުން ކުރިއަރާފައިވާ އެތައް ޤައުމެއްގައިވެސް ދޭ އަދަބެއްކަން ޖަމީލު ފާހަގަކުރެއްވިއެވެ. ތަޖުރިބާކާރު ގާނޫނީ ވަކީލު، ޑރ. ޖަމީލު ވިދާޅުވީ ވައްޑެ ކުރެއްވީ ޖިނާޢީ ކުށެއްކަމަށާއި އެކަން ތަޙްޤީގްކޮށް ފިޔަވަޅުއަޅަންޖެހޭކަމަށެވެ. އަދި އޭނާގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުމުގެ ފުރުޞަތު ބޮޑުކަމަށް ޖަމީލު ވިދާޅުވިއެވެ.

"ޤިޞާޞް ހިފުމާ ގުޅޭގޮތުން މެމްބަރު ވަހީދު ދެއްކެވީ ޖާހިލް ވާހަކަތަކެއް. މަރަށް މަރުހިފުމަކީ އިސްލާމްދީނުގެ އިތުރުން ކުރިއަރާފައިވާ އެތައް ޤައުމެއްގައިވެސް ދޭ އަދަބެއް. ވައްޑޭ ކުރީ ޖިނާޢީ ކުށެއް، ތަޙްޤީގްކޮށް ފިޔަވަޅުއަޅަންޖެހޭ. އޭނާގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުން ބޮޑު." ޖަމީލު ވިދާޅުވިއެވެ.

ދާދިފަހުން އެމްޑީޕީ އޮފީސް ކުރިމަތީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުން މެމްބަރު ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފަން ކަމަށް ބުނެ ޤިޞާޞް ހިފުމުގެ ނަމުގައި ކެބިނެޓަށް ކަރުދާސް ހުށަހަޅައި ބޮޑެތި ޕްރެޒެންޓޭޝަން ހުށަހަޅައިގެން މަސައްކަތް ކުރައްވާފައިވާކަމަށެވެ. އަދި މިއީ 21ވަނަ ޤަރުނަށް ވާއިރު، މަރަށް މަރުހިފުމަކީ "ސިކު" ކަމެއްކަމަށް ދޭހަވާގޮތަށް ވަހީދު ވަނީ ވާހަކަދައްކާފައެވެ. މިކަމާއި ގުޅިގެން އޭނާއަށް ދަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ. ނަމަވެސް އެމްޑީޕީން ވަނީ އޭނާ ދިފާއުކޮށް ނޫސް ބަޔާނެއް ނެރެފައެވެ.

އެމްޑީޕީން ބުނީ، ވައްޑެގެ ވާހަކަ ގަސްދުގައި އޮޅުވައިލުމަށް ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންގެ އިތުރުން ބައެއް މީޑިއާތަކުން މަސައްކަތްކުރާކަމަށެވެ. އަދި އެކަން ފިތުނައަކަށް ވާގޮތަށް ހަދައިގެން، އޭނާގެ ފުރާނައަށް ނުރައްކާކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަމަށްވެސް ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ، މިފަދަ މައްސަލަތައް ވަގުތުން ތަހުގީގުކޮށް، ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން