މާޝާ މިދުހަތު   18 އޭޕްރީލު 2021 - 2:28
މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ) ގެ "ޤުރުއާން މުބާރާތް 1442" މިއަދު ފަށައިފިއެވެ.

ކޮޅުނބުގައި ދިރިއުޅޭ ދިވެހީންނަށް ޚާއްޞަކޮށްގެން އެމް.އީ.ސީ.ސީގައި ކުރިޔަށްދާ މިމުބާރާތް މިއަދު ހެނދުނު 9:30 ގައި ފެށިގެން ދިޔައިރު މިއަދު ކުރިޔަށް ދިޔައީ ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުމެވެ. އެގޮތުން މިއަދު އޮތީ 6 އަހަރުން ދަށުގެ އުމުރުފުރާ އާއި 9 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 18 އަހަރުން ދަށުގެ އުމުރުފުރާގެ ކިޔެވުމެވެ.

މި ތިން އުމުރުފުރާގައި މިއަދު ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން ޖުމްލަ 34 ދަރިވަރަކު ކިޔަވާފައެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ބާކީތިބި ފަރާތްތަކުން ކިޔަވާނީ މާދަމާ ހެނދުނު އޮންނަ ދަންފަޅީގައެވެ. މި ގޮފީގައި ބައިވެރި ވެފައިވާ ދަރިވަރުންގެ އަދަދަކީ 81 އެވެ.

ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމަނައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ކިޔެވުން މާދަމާ ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10 ޖަހާއިރުއެވެ. މާދަމާ އޮންނާނީ 12 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އުމުރުފުރާ ކުދިންގެ ކިޔެވުމެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ ކިޔެވުން މާދަމާގެ ހެނދުނު ދަންފަޅިއާއެކު ނިމުމުން ދެން އޮންނާނީ ނުބަލައި ކިޔެވުމުގެ ގޮފީގެ ދަރިވަރުންގެ ކިޔެވުމެވެ. ޖުމްލަ ހަތަރު ދުވަހަށް ބަހާލައިގެން ކުރިޔަށްދާ މިމުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފީގެ ދަރިވަރުންގެ ކިޔެވުން އޮންނާނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ. މި ދެދުވަހުވެސް ކިޔެވުން ފަށާނީ ހެނދުނު 10 ޖަހާއިރުއެވެ. ނުބަލައި ކިޔެވުމުގެ ގޮފީގައި ޖުމްލަ 51 ދަރިވަރުން ބައިވެރި ވެފައިވެއެވެ. މި މުބާރާތުގައި ދެ ގޮފިން ބައިވެރިވި ދަރިވަރުންގެ ޖުމްލަ އަދަދަކީ 132 އެވެ.

މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި މިއަދުގެ ދަންފަޅީގެ ކިޔެވުން އެމް.އީ.ސީ.ސީގެ ފޭސްބުކް ޕޭޖުން ވަނީ ލައިވްކޮށް ގެނެސް ދީފައެވެ. އަދި މާދަމާ ހެނދުނު 10 ޖަހާއިރު ފަށާ ދަންފަޅި އާއި މިމަހުގެ 24 އަދި 25 ވަނަ ދުވަހު އޮންނަ ދެ ދަންފަޅީގެ ކިޔެވުންވެސް ފޭސްބުކް ޕޭޖުން ލައިވްކޮށް ގެނެސްދޭނެއެވެ.

މިއަދު އޮތް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤް އާއި އެމް.އީ.ސީ.ސީ ހިންގެވުމާއި ޙަވާލުވެ ހުންނެވި ޑައިރެކްޓަރ މަރިޔަމް ޒާހިރުވެސް ވަނީ ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން