ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާން ކުރަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިންމާލާފައެވެ. ޤާނޫނުގައިވާ ގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ދާއިމީ ނަތީޖާ އަންގާރަދުވަހު އިއުލާންކުރަން ފަށާނެކަމަށެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރިނަމަވެސް އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެގޮތުން އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންސް ބިއުރޯތަކަށްވަނީ 100 އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައެވެ. ކޮމިޝަނުން ބުނީ ޝަކުވާތައް ބަލަމުންދާއިރު އެއްވެސް ވޯޓު ފޮއްޓެއް އަލުން ކަނޑައިގެން ބަލަން ޖެހިއްޖެނަމަ އެކަން ދުރާލައި ކެނޑިޑޭޓުންނަށާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް އަންގާނެކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގައި ކާމިޔާބު ލިބުނުކަމަށް މައި ދެ ޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕީއެމުން ބުނަމުންދާއިރު، ނަތީޖާތައް ދައްކާގޮތުން ގިނަ ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ. އަދި 4 ސިޓީގެ ތެރެއިން 3 ސިޓީގެ އަޣުލަބިއްޔަތުވެސް ލިބިފައިވަނީ އެމްޑީޕީއަށެވެ. ނަމަވެސް ޕީޕީއެމުންވެސް މާލޭގެ އަޣުލަބިއްޔަތާއި، ބައެއް އަތޮޅުތަކުން ބޮޑު ތާއީދެއް ހޯދިއެވެ. އެމްޑީޕީން އުއްމީދު ކުރި މިންވަރާ ގާތްކުރާފަދަ ނަތީޖާއެއް އިންތިޚާބުގައި ނުލިބުމުން އެއީ އެޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން