ފުލުހުން ކުރިއަށްގެންދާ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު އެގާރަ ޖެހިއިރު ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ފުލުހުންގެ ތަހުގީގަކަށް ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.

5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. މި ދައުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރަށްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ ކަމަށް ބުނެ އެވެ.

މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން