އަހުމަދު މަސްނޫމް   18 އޭޕްރީލު 2021 - 17:48
މަރުގެ ހުކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ތައުބާވުމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައި މިވަނީ މަރަށް މަރު ހިފުމަށް ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތް ކޮށްފައިވާކަމަށާއި، އަދި އެއީ "ސިކު" ނުވަތަ ސިކުނޑީގައި އުނިކަމެއް ހުރިބަޔަކު ހިންގަން އުޅުނު އަމަލެއްކަމަށް ސިފަވާ ގޮތަށް މެމްބަރު ވަހީދު (ވައްޑެ) ވާހާކަދައްކާފައިވާ މައްސަލަ ވަރަށް ބޮޑަށް ހޫނުވަމުންދާތީ އެކަމާ ބެހޭގޮތުން ޚިޔާލުފާކުރަށްވަމުންނެވެ.

އަލްހާން ވިދާޅުވީ ޤިޞާޞް ހިފުމަކީ ނުވަތަ އެހުކުމް ޤާއިމްކުރަން އުޅޭ ބަޔަކީ ސިކު ބައެއްކަމަށް ބުނުމަކީ ﷲގެ ހައްދަކަށް އިންކާރުކުރުންކަމަށެވެ. އަލްހާން ވަނީ މިއީ ވައްޑެއަށް އެނގިވަޑައިގެން ހުންނަވައި ދެއްކެވި ވާހަކައެއްތޯ ނުވަތަ އެނގިވަޑައި ނުގެން ދެއްކެވި ވާހަކައެއްތޯ ސުވާލުކުރައްވާފައެވެ. އަދި އެކަމަށް ތައުބާވެވަޑައިގެންނެވުމަށް އަލްހާން ވަނީ މެމްބަރު ވައްޑެއަށް ގޮވާލައްވާފައެވެ.



"ޤިޞާޞް ހިފުމަކީ ނުވަތަ އެޙުކުން ޤާއިމުކުރަން އުޅޭ ބަޔަކީ “ސިކު” ބައެއް ކަމަށް ބުނުމަކީ الله ގެ ޙައްދަކަށް އިންކާރު ކުރުން." އެންމެ ފަހުން ބޭއްވި ލޯކަލްކައުންސިލް އިންތިޚާނުގައި ވާދަކުރެއްވި އަލްހާން ވިދާޅުވެފައި ވެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި އެމްޑީޕީ އޮފީސް ކުރިމަތީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުން މެމްބަރު ވައްޑެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފަން ކަމަށް ބުނެ ޤިޞާޞް ހިފުމުގެ ނަމުގައި ކެބިނެޓަށް ކަރުދާސް ހުށަހަޅައި ބޮޑެތި ޕްރެޒެންޓޭޝަން ހުށަހަޅައިގެން މަސައްކަތް ކުރައްވާފައިވާކަމަށެވެ. އަދި މިއީ 21 ވަނަ ޤަރުނަށް ވާއިރު، މަރަށް މަރުހިފުމަކީ "ސިކު" ކަމެއްކަމަށް ދޭހަވާގޮތަށް ވަހީދު ވަނީ ވާހަކަދައްކާފައެވެ. މިކަމާއި ގުޅިގެން އޭނާއަށް ދަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ. ނަމަވެސް އެމްޑީޕީން ވަނީ އޭނާ ދިފާއުކޮށް ނޫސް ބަޔާނެއް ނެރެފައެވެ.

އެމްޑީޕީން ބުނީ، ވައްޑެގެ ވާހަކަ ގަސްދުގައި އޮޅުވައިލުމަށް ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންގެ އިތުރުން ބައެއް މީޑިއާތަކުން މަސައްކަތްކުރާކަމަށެވެ. އަދި އެކަން ފިތުނައަކަށް ވާގޮތަށް ހަދައިގެން، އޭނާގެ ފުރާނައަށް ނުރައްކާކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަމަށްވެސް ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ، މިފަދަ މައްސަލަތައް ވަގުތުން ތަހުގީގުކޮށް، ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން