ރާއްޖޭގެ ރިސޯޓަކަށް ފަތުރުވެރިންތަކެއް ޒިޔާރަތް ކުރަނީ. (ފޮޓޯ: ފޭސްބުކް)
ރާއްޖޭގެ ރިސޯޓަކަށް ފަތުރުވެރިންތަކެއް ޒިޔާރަތް ކުރަނީ. (ފޮޓޯ: ފޭސްބުކް)
ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށްވެސް ކޮވިޑް ވެކްސިން ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމުމުން އެ ޚަބަރު ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަން ފަށައިފިއެވެ.

އިއްޔެއާއި މިއަދުވެސް މިވާހަކަ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ފަލަސުރުޚީތަކުން އަންނަނީ ޖާގަ ހޯދަމުންނެވެ. މިފަދަ ގިނަ ޚަބަރުތައް ޓްވީޓް ކުރަށްވައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވެފައިވަނީ ރާއްޖޭގައި ވެކްސިން ޓޫރިޒަމް ތަޢާރަފު ކުރާ ވާހަކައެވެ. މިއީ ދުނިޔޭގައި ވެސް އަލަށް ކުރާ ކަމެއް ކަމަށް ގިނަ މީޑިއާތަކުން ފާހަގަކޮށްފައި ވެއެވެ.

ސަރުކާރުން ބުނެފައި ވަނީ މިކަން ކުރިއަށް ގެންދެވޭނީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ "3ވީ، ވިޒިޓް، ވެކްސިނޭޓް، އެންޑް ވެކޭޝަން" ޕްރޮޖެކްޓް މެދުވެރިކޮށެވެ.

މިކަމާއި ބެހޭގޮތުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު، ޑރ. އަބްދު ﷲ މަޢުސޫމް ސީއެންބީސީއަށް ދެއްވި އިންޓަރވިޔުއެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ 3ވީ ޕްރޮޖެކްޓް މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށްވެސް އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށެވެ. ނަމަވެސް މިޕްރޮޖެކްޓް ފެށޭނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެއެވެ. މިޕްރޮޖެކްޓް ދަށުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ކޮވިޑް ވެކްސިން ޖަހަން ފެށުމުގެ ކުރިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ވެކްސިން ދިނުމަށް އިސްކަމެއް ދެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ރާއްޖޭގެ އާބާދީ 53 އިންސައްތަ އަށްވުރެ ގިނަމީހުން މިހާތަނަށް ވެކްސިން ޖަހާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާކަމަށްވެސް މިނިސްޓަރގެ އިންޓަރވިއުގައި ފާހަގަކުރަށްވާފައިވެއެވެ.

މިއާއެކު އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެވާ ފަރާތްތަކަށާއި، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރު ފަތުރުގެ ލުއިތަކެއް ދިނުމަށް މިހާރު ވަނީ ހަަމަޖެހިފައެވެ. މިގޮތުން ވެކްސިނުގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމަށްފަހު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ާއަހުމަދު ރަޝީީދު

21-Apr-2021

ރަނގަޅުކަމެއް



ޓްރެންޑިން