ރާއްޖޭގެ ވެރިކަމަށް އަންނަ މީހަކު ކުރަންޖެހޭކަމަކީ އިޤްތިޞާދީ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

އާއްޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކޮންމެ މީހަކު އަޔަސް ރާއްޖެ އިގްތިޞާދީ އަޅުވެތިކަމުން ސަލާމަތްކުރަންޖެހޭކަމަށެވެ. އަދި އެކަންކުރެވޭނެ ފޯމިއުލާއަކާއި އެކަން ކުރެވޭނެ މަގު ދައްކައިދޭންޖެހޭކަމަށް އާއްޓޭ ވިދާޅުވިއެވެ.

އާއްޓޭ ވިދާޅުވީ ރާއްޖެ ދަނީ ދަރަނީގެ އަނދަވަޅަކަށް ބޯކޮޅު ވަތަށް ވެއްޓެމުންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކުގެ ބޮލުގައި ދަރަނި އަޅުވަން ދޫކޮށްލައިގެން ނުވާނެކަމަށް އާއްޓޭ ވިދާޅުވިއެވެ.



ދަރަނި ބޮޑުވުމާއި ގުޅިގެން އާއްޓޭ ފާޑު ވިދާޅުވެފައިވާއިރު، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަރަނި ވަނީ އެތައް ގުނައެއް ބޮޑުވެފައެވެ. އެގޮތުން ކޯވިޑާއި ގުޅިގެންވެސް އާމްދަނީ ދަށްވުމުގެ ސަބަބުން ސަރުކާރުން ގިނަ އަދަދަކަށް ދަރަނި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އިޤުތިޞާދީ އަޅުވެތިކަމުން ސަލާމަތް ކުރަން ޖެހިފައިވާ ކަމަށް އާއްޓޭ ވިދާޅުވެފައިވާއިރު އަވަށްޓެރި އިންޑިއާ އަތުން ލޯނު ނަގައިގެން ރާއްޖޭގެ އިޤްތިޞާދު ހިންގަން އުޅޭ ކަމަށް ބުނެ އިޤުތިޞާދީ ތަޖުރިބާކާރު ބޭފުޅުން ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެގޮތުން ބޮޑު އިންޓްރަސްޓް ރޭޓުގައި އިންޑިއާގެ މާލީ އިދާރާތަކުން ދޭ ލޯނު އެހީގައި ހިންގާ މަޝަރޫޢުތައްވެސް އިންޑިއާގެ ކުންފުނި ތަކަށް ހުރިހާ ފައިދާއެއް ލިބޭ ގޮތަށް ހިންގަމުންދާތީވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން