ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓްވެފައިވާ މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރިނަމަވެސް ދަތުރު ނުކުރެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން، ކަރަންޓީނުވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ހާލަތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުކޮށްފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޑޯޒް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭނެ ކަމަށެވެ.

އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ކަމަށާއި، ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މާދަމާ އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ބައެއް ހާލަތްތަކުގައި ކަރަންޓީނާއި ނުލައި ދަތުރުކުރުމުގެ ހުއްދަ ދިން ނަމަވެސް ޕޮޒިޓިވް މީހަކާއި ކޮންޓެކްޓްވެފައިވާ މީހަކަށް އެ ހުއްދަ ނުލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ދަތުރުކުރުމަށް ހުޅުވާލި ނަމަވެސް ހަނދުމަފުޅު ކުރަންވަންވާނެ ޕޮޒިޓިވް މީހެއް ނުވަތަ ބަލި މީހެއްގެ ކޮންޓެކްޓަކަށް ވާނަމަ އެބޭފުޅަކަށް ދަތުރެއް ނުކުރެވޭނެ އެބޭފުޅަކު ވެކްސިން ފުރިހަމަ ކުރެއްވިއަސް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ކޮންމެ ހަފުތާއަކު އެއްފަހަރު އާންމު ކުރާނެ ކަމަށެވެ. ނަޒްލާ ވިދާޅުވީ ކަރަންޓީނާއި ނުލައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ވެކްސިން ޖަހާފައިވާ ކާޑުގެ މައުލޫމާތު އެރަށެއްގެ ކައުންސިލަށް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. އެ މައުލޫމާތު ކައުންސިލަށް ދިނުމުން އެކަން ކައުންސިލުން ޔަގީންކޮށް މައުލޫމާތު ސައްހަތޯ ކަށަވަރު ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިމައުލޫމާތު ހާލު ބެލުން ޕޯޓަލް އަށް އެޅުމަށްފަހު އިތުރު ޑޮކިއުމަންޓެއް ނުވަތަ އިތުރު ހުއްދައެއް ބޭނުމެއް ނުވާނެ، މިމައުލޫމާތު ކައުންސިލަށް ފޯރުކޮށްދިނުމަށްފަހު ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ދަތުރުކުރެވޭނެ އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ ކުޑަކުދިންގެ މައުލޫމާތު ވެސް ދެއްވަން ވާނެ، ދަތުރު ކުރައްވާއިރު ވެކްސިން ކާޑު ގެންދަވަންވާނެ، މީގެ އިތުރުން ޕީސީއާރު ނެގެޓިވް ޓެސްޓް ވެސް ގެންދަންވާނެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން