މިދިޔަމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެއްޖެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ މާޗުމަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މާރޗްމަހު ރާއްޖެއަށް އިމްޕޯޓްކުރި 3.2 ބިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ. އިމްޕޯޓްކުރި މުދަލުގެ މިންވަރު އިތުރުވިއިރު، އިމްޕޯޓުން ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ މާޗުމަހާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ މާޗު މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާޗްމަހު މި ޢަދަދުވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ސިންގަޕޫރެވެ. އޮމާނުން 465 މިލިއަން ރުފިޔާގެ މުދާ، އިންޑިއާއިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

އިމްޕޯޓް އިތުރުވިނަމަވެސް މިދިޔަމަހުގެ އެކްސްޕޯޓް ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މާރޗް މަހު ރާއްޖެއިން 380 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއަހަރުގެ މާޗް މަހު އެކްސްޕޯޓްކޮށްފައިވަނީ 301 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 21 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ޖަޕާން، އިންޑިއާ، އެމެރިކާ އަދި ޖަރުމަނުވިލާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން