ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިއަދު މާލެގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ފުލުހުން ތަޙްޤީޤުކުރަމުންދާ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުޤީޤަށް ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވިފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލައިގެ ތަހުގީގަށް ކަމަށެވެ. ރައީސް ޔާމީނާއި ސުވާލުކޮށް ބަޔާން ނެގުމަށްފަހު މިހާރު އެމަނިކުފާނު ވަނީ ދޫނިދުއަށް ގެންގޮސްފައެވެ. ރައީސް ޔާމިން މާލެ ގެނެސް ވިޝަން އޮޕްޓިކަލްސްއަށްވެސް އެމަނިކުފާނު ގެންގޮސްފައިވެއެވެ. ރައީސް ޔާމީން ވިޝަން އޮޕްޓިކަލަށް ގެންދިޔައީ އެމަނިކުފާނު ތުރުކުރައްވާ އައިނުކޮޅު ހެދުމަށް ކަމަށް އެނގިފައިވެއެވެ.

ތަޙުޤީޤަކަށް މިއަދުވެސް ރައީސް ޔާމީން މާލެއަށް ގެނެސްފައިވާއިރު، ޢާއިލާއިންވަނީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ރައީސް ޔާމީނާ ގުޅުވައިގެން އިތުރު ތަހުގީގުތައް ހިންގަން ފުލުހުން ފަށާފައިވާތީ އެކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



އެމްއެމްޕީއާރުސީގެ މައްސަލައިގައި 5 އަހަރުގެ ޖަލުގެ ހުކުމެއް ރައީސް ޔާމިން ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. މި ދައުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރަށްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ ކަމަށް ބުނެ އެވެ. މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރުން ސްޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން